ދަމާސްގެ 200 މިލިއަން ރުފިޔާގެ އެޕާޓްމަންޓް މަޝްރޫއު ލޯންޗުކޮށް ބުކިންއަށް ހުޅުވާލައިފި

ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދަމާސް ރިއަލް އެސްޓޭޓުން ހުޅުމާލޭގައި އިމާރާތްކުރާ 95 އެޕާންޓްމަންޓުގެ މަޝްރޫއު ތައާރަފްކޮށް، ބުކިން އަށް މިއަދު ހުޅުވާލައިފި އެވެ.


"ވަން އެވެނިއު"ގެ ނަން ދީފައިވާ މި އެޕާޓްމަންޓްތައް ތައާރަފް ކޮށްދެއްވީ، ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން ނިންމާފައިވާ 95 އެޕާޓްމަންޓް ތަރައްގީކުރަން ހަމަޖެހިފައި ވަނީ ދެ ޓަވަރަށް ވާ ގޮތަށް ކަމަށް ދަމާސްއިން ބުންޏެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ 13 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 26 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 52 އެޕާޓްމަންޓުގެ އިތުރުން ހަތަރު ޕެންޓްހައުސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އެޕާޓްމަންޓްތައް އަަޅަނީ، ދަމާސް އިން ބުނި ގޮތުގައި، ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން އަތިރި މައްޗަށްވާ ގޮތަށް އޮތް 25،000 އަކަފޫޓުގެ ޖާގައިގެ ބިމެއްގަ އެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި "ވަން އެވެނިއު" އެޕާޓްމަންޓްތައް ހުންނާނެ ގޮތް ދައްކާލެއްވުމަށް ފަހު، ދަމާސްގެ ޑިރެކްޓަރު ޒަޔާން ސޯލިހު ވިދާޅުވީ އެ ތަން ތަރައްގީ ކުރަނީ ދިރިއުޅޭ މީހުންނަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ލުއި ފަސޭހަކަމާ އެކީ ލިބިގެން ދާނެ ފެންވަރަށް ކަމަށެވެ. އެގޮތުން، މި މަޝްރޫއުގައި އެންމެ ގިނަ ވަގުތެއް ނެގީ ވެސް ހިތް ފަސޭހަ ޑިޒައިންތަކެއް ތައްޔާރު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

""ދަމާސް ރިއަލް އެސްޓޭޓުގެ މަސައްކަތަކީ ފެންވަރު ރަނގަޅު ގެދޮރުގެ ހިދުމަތެއް ދިނުން. އަޅުގަނޑުމެންނަކީ ކަސްޓަމަރުންގެ އިތުބާރާ އެކު މަސައްކަތް ކުރާ ކުންފުންޏެއް،" ޒަޔާން ވިދާޅުވި އެވެ.

ކުރިއަަށް 2018 ގައި ނިންމަން ހަމަޖައްސާފައިވާ "ވަން އެވެނިއު" އެޕާޓްމަންޓުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު، މި އެޕާޓްމަންޓްތަކުގެ އަގުތަކެއް އަދި ހާމައެއް ނުކުރެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޒަޔާން ވިދާޅުވީ ދަމާސްގެ އަމާޒަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައި ތިބި މީހުންނަށް އަތް ފޯރާ އަގެއްގައި އެ ހިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ.

މަތީ ފަންތީގެ އެޕާޓްމަންޓްތަކެއް އަޅަން ދަމާސްއިން ނިންމިއިރު، ރާއްޖޭގެ އެހެން ބައެެއް ބޮޑެތި ވިޔަފާރިތަކުން ވެސް ވަނީ މިފަދަ މަޝްރޫއުތަކެއް ހުޅުމާލޭގައި އިފުތިތާހުކޮށްފަ އެވެ.