އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ބޭވޮޗް ސްޓައިލުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ކަސްޓަމަރުންނަށް ބޭވޮޗް ސްޓައިލުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.


އެމްއައިބީއާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އެ ފިހާރައިން ގަންނަ ކޮންމެ އައިޓަމަކުން އެމްއައިބީގެ ކަސްޓަމަރުންނަށް 20 ޕަސެންޓް ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

ބޭވޮޗް ސްޓައިލުގެ މާކެޓިން މެނޭޖަރު އަލީ ވަހީދު ވިދާޅުވީ އެމްއައިބީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ފައިސާ ކާޑުން ފައިސާ ދައްކާ ހުރިހާ ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އަދި އެމްއައިބީއާ ގުޅިގެން އިތުރު ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އެމްއައިބީއާ އެކު މި ވެވުނު އެއްބަސްވުމުގެ ދަށުން އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް އަޅުގަނޑުމެންގެ ފިހާރައިގެ ހުރިހާ އައިޓަމަކުން ވެސް 20 ޕަސެންޓް ޑިސްކައުންޓު ލިބޭނެ. މީގެ އިތުރުން އަޅުގަނޑުމެން މަސައްކަތް މިކުރަނީ އެމްއައިބީއާއި ގުޅިގެން މި ޕްރޮމޯޝަނުގެ އިތުރުން އިތުރު ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދަން." އަލީ ވަހީދު ވިދާޅުވި އެވެ.

ބޭވޮޗް ސްޓައިލުން ލިބެން ހުންނަ ބައެއް އެއްޗެހި: މި ފިހާރައިން ވަނީ އެމްއައިބީ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައި-- ފޮޓޯ:ބޭވޮޗް ސްޓައިލް

އޭނާ ވިދާޅުވީ ރާއްޖޭގެ ބައެއް ފިހާރަތަކުން ތަފާތު ބްރޭންޑުތަކުގެ ދަށް ކޮލިޓީ ސާމާނު ވިއްކާ ކަމަށާއި ނަމަވެސް އެ ފިހާރައިން ވިއްކާ ހުރިހާ ސާމާނަކީވެސް އެންމެ ރަނގަޅު ކޮލިޓގެ ސާމާނު ކަމަށެވެ.

ބޭވޮޗް ސްޓައިލަކީ ހުރިހާ އުމުރު ފުރާއަކާ ގުޅޭ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. މި ފިހާރައިން ލިބެން ހުންނަ ބްރޭންޑުތަކުގެ ތެރޭގައި ކުއިކް ސިލްވާ، ފިޝް ބޯން، ރިޕް ކާލް، ބިލަ ބޮންގް އަދި ޖީ2000 ފަދަ ބްރޭންޑުތައް ހިމެނެ އެވެ.

މީގެ އިތުރުން ސްކޫލް ކުދިންނަށް ބޭނުންވާ ދަބަހާއި ފިރިހެން ބޭފުޅުންނަށާއި އަންހެން ބޭފުޅުންނަށް ބޭނުންވާ އެހެނިހެން އެކްސަސަރީސް ވެސް ލިބެން ހުރެ އެވެ. މި ފިހާރައަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ފިހާރަ އެކެވެ.