ފުރަތަމަ ތިން މަހުން ދައުލަތުގެ ދަރަންޏަށް 1.6 ބިލިއަން އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ތިން މަހު ދައުލަތުގެ ދަރަންޏަށް 1.6 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.


އެމްއެމްއޭ އިން ކޮންމެ ތިން މަހުން އެއް މަހު ނެރޭ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި 48 ބިލިއަން ރުފިޔާގައި ހުރުމަށް ފަހު މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ވަނީ 49.6 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

މި މުއްދަތުގައި ބޭރުގެ ދަރަނި ވަނީ 20.3 ބިލިއަނުން 20.8 ބިލިއަނަށް އިތުރުވެފަ އެވެ. އެހެންވެ ބޭރުގެ ދަރަންޏަށް ގާތްގަނޑަކަށް 558 މިލިއަން ރުފިޔާގެ އިތުރުވުމެއް ވަނީ އައިސްފަ އެވެ.

އެތެރޭގެ ދަރަންޏަށް މިދިޔަ ތިން މަހު ވަނީ އެއް ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެގޮތުން 27.7 ބިލިއަން ރުފިޔާ އިން 28.8 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެތެރޭގެ ދަރަނި 1.1 ބިލިއަން ރުފިޔާ އަށް އިތުރުވީ ޓްރެޝަރީ ބިލް ވިއްކުމުންނެވެ.

މި މުއްދަތުގައި ކޮމާޝަލް ބޭންކްތަކަށް 751 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާ އިރު އެހެން މާލީ އިދާރާތަކަށް 386 މިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފަ އެވެ.

ރާއްޖޭގެ ދަރަނި އިތުރުވަމުންދާ އިރު އެ ދަރަނި ނުދެއްކޭ ހާލަތަށް ދިއުމުގެ ނުރައްކާ ބޮޑު ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް(އައިއެމްްއެފް) އިން މިދިޔަ މާޗު މަހު ބުނެފައިވެ އެވެ. އެކަމަކު މިކަމުގައި އެމްއެމްއޭ އާއި ސަރުކާރުގެ ސިޔާސަތު ރަނގަޅު ކަމަށް ވެސް އެއިދާރާ އިން ވަނީ ބުނެފަ އެވެ.