ލޯނު ގެރެންޓީ ދިނީ އެސްޓީއޯ އަށް އެކަނި: އަމީރު

މި ސަރުކާރުގައި މިހާތަނަށް ލޯނު ގެރެންޓީ ދިނީ އެސްޓީއޯ އިން ނެގި ލޯނަކަށް އެކަނި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެ އެވެ.


ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ ގެރެންޓީ ދީފައި ވަނީ އެސްޓީއޯ އިން ކުރިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނަށް 50 މިލިއަން ޑޮލަރު އިތުރު ކުރަން ކަމަށެވެ. އެސްޓީއޯ އިން މި ލޯނު ނެގީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިއައިޓީއެފްސީ) އިންނެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ، ގެރެންޓީ ދިނަސް ދޭނީ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއި ފީޒިބަލް، ވަޔަބަލް މަޝްރޫއުތަކަށް. އިގްތިސާދީ ދުވެލި އިތުރު ކުރުމަށްޓަކައި ނޫން ގޮތަކަށް ސޮވެރިން ގެރެންޓީއެއް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން ގިނަ ލޯނުތަކަކަށް ގެރެންޓީ ދިނުމުން އެކަން މާލީ ބުރައަކަށް ވި އެވެ. އެކަމަށް ހައްލެއް ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިދިޔަ މާޗު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނުތަކަށް ދައުލަތުން ދިން ގެރެންޓީ 13 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ލޯނު ގެރެންޓީއާ އެކު ދައުލަތުގެ ދަރަނި 62.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 70 ޕަސެންޓްގަ އެވެ.