ރާއްޖޭގެ ތަރައްގީގެ ފައިދާ ހުރިހާ ރައްޔިތުންނަށް އަދިވެސް ނުކުރޭ: ރައީސް

ރާއްޖޭގެ ތަރައްގީގެ ފައިދާ ހުރިހާ ރައްޔިތުންނަށް އަދިވެސް ނުފޯރާ ކަމަށާއި ތަރައްގީ ގެނައުމުގައި އަތޮޅުތަކުގެ ރައްޔިތުންނަށް އިންސާފު ލިބެން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


"މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް" ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިދިޔަ އަހަރުތަކުގައި ތަރައްގީ ހާސިލްކުރުމަށް މަސައްކަތްތަކެއް ކުރެވުނަސް އެންމެ ފުރިހަމަ ގޮތުގައި ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާ ނުކުރާ ކަމަށެވެ

އެގޮތުން މާލެއާ ދުރުގައި ދިރިއުޅޭ ރައްޔިތުންނަށް ރާއްޖެ އަށް އަންނަ ކުރިއެރުންތައް އެންމެ ފުރިހަމަ އަށް ނުލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ. މި ސަރުކާރުން މަސައްކަތްކުރާނީ މާލެއާ އެއް ހަމައެއްގައި އަތޮޅުތެރޭގެ ރައްޔިތުންނަށް ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"މިދިޔަ އަހަރުތަކުގައި އަސާސީ ހިދުމަތްތައް ހޯދުމަށް ވެސް އަތޮޅު ތެރޭގައި ދިރިއުޅޭ މީހުން އަންނަން ޖެހެނީ މާލެ އަށް. އެގޮތުން ސިއްހީ ހިދުމަތްތަކާއި ތައުލީމު ހާސިލްކުރުމަށް ވެސް އަންނަން ޖެހެނީ މާލެ އަށް،" ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ބައިވެރިވާ ބައެއް މީހުން--ފޮޓޯ:ރައީސް އޮފީސް

ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިކަމަށް ހައްލެއް ލިބޭނެ ކަމަށާއި އަތޮޅުތެރޭގެ ތަރައްގީ އަށް އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ހިމަނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެ އަކީ ގުދުރަތީ ވަސީލަތްތަކުން ފުރިފައިވާ ގައުމެއް ކަމަށާއި ތަރައްގީ ހާސިލްކުރުމުގައި ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކާއި ދިވެހިވަންތަކަން ދަމަހައްޓައި ރައްކާތެރިކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖެ އަކީ ތަރައްގީ ހާސިލްކުރަން ބޭނުންވާ ބަޔަކު ދިރިއުޅޭ ގައުމެއް. އެހެން ނަމަވެސް ތަރައްގީއަށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކެއް ހަލާކު ކޮށެއް ނުލެވޭނެ. މި ސަރުކާރުން ތަރައްގީ ގެންނާނީ ދެމެހެއްޓެނިވި ގޮތެއްގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އަކީ ގުދުރަތީ ރީތިކަމާއި ނާޒުކު ތިމާވެއްޓަކަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަށްވާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ގުދުރަތީ ކާރިސާތަކާ ކުރިމަތިވާ ކަމަށެވެ.

މީގެ އިތުރުން ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ބޭރުގެ ގައުމުތަކަށް ބަރޯސާވެފައިވާ މިންވަރުގެ ސަބަބުން ވެސް ރާއްޖެ ތަރައްގީ ކުރުމުގައި ބޭރުގެ ގައުމުތަކާއި އޮންނަ ގުޅުން ބަދަހި ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގެ ތަރައްގީ ހާސިލް ކުރުމަށްޓަކައި އެހެން ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދިވެހިން އަދުލް އިންސާފާއި އިގްތިސާދީ ތަރައްގީ ބޭނުންވާ އިރު "ޖަޒީރާ ރާއްޖެ" އިން މަސައްކަތް ކުރާނީ އެއަމާޒަށް ވާސިލް ވުމަށެވެ.