ވައުދުވި ވަރަށް އެނދު އިތުރުކޮށްފިއްޔާ ވާނީ ބާކީ: އަލީ ވަހީދު

ސަރުކާރުން ވައުދުވި ގޮތަށް މެދުރާއްޖެތެރެ އަށް 2،000 އެނދު އިތުރުކޮށްފިއްޔާ، އެނދުތައް ބާކީ ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ވައުދުވި ވަރަށް މެދުރާއްޖެތެރެ އަށް އެނދު އިތުރުކޮށްފި ނަމަ، މިހާރު މި ސަރަހައްދުގައި ތަރައްގީ ކުރާ ރިސޯޓުތަކާ އެކު އެނދުގެ އަދަދު 10،000 އަށް އިތުރުވެ، ފްލަޑް ވެގެންދާނެ ކަމަށެވެ.

"އެހެންވީމަ 2000 އިތުރަށް ލާނެތޯ؟. ކެމްޕެއިނުގައި އަޅުގަނޑުމެންނަށް އެހެން ވިދާޅުވެވުނަސް އަޅުގަނޑުމެންގެ ސަސްޓެއިނެބިލިޓީ އަށް ވިސްނާ އިރު އެ ބަހުގައި ހިފަހައްޓާނީތޯ [ވިސްނަން]،" އޭނާ ވިދާޅުވި އެވެ.

މިކަމަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން މިހާރު ވާހަކަދައްކަމުންދާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ދާއިރާ ކުރިއަށް ގެންދުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަން ބޭނުންވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމަށް ރައީސް އޮފީހަށް މިހާރު ކަރުދާހެއް ހުށަހަޅާފައިވާ ކަމަށެވެ. ރިސޯޓެއްގެ ގޮތުގައި ރަށެއް ތަރައްގީ ކުރުމަށްޓަކައި ކައުންސިލްތަކުގައި ބަހައި، ކަމާ ގުޅޭ މުއައްސަސާތަކުގެ ބަސް ހޯދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރޮޕާ ކޮންސަލްޓެންސީ ނުހިންގާ، މައްސަލައިގެ ވަށައިގެން ހުރި ކަންކަމަށް ބެލުމަށްފަހު ނޫނީ ރައީސް ޑިޒިޝަނެއް ނުނަންގަވާނެ. ރައްޔިތުން ކަންބޮޑުވާ ކަމެއް އަޅުގަނޑުމެން ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ވެސް އައީ ވަރަށް ގިނަ އަދަދެއްގެ ރިސޯޓް ތަރައްގީ ކުރަމުންނެވެ. އެގޮތުން މިހާރު ވެސް 140 ރަށެއް ރިސޯޓުގެ ގޮތުގައި އަންނަނީ ތަރައްގީ ކުރަމުންނެވެ.