ވާވޭގެ ފަތްޖެހި ފޯނު "މޭޓް އެކްސް" ސެޕްޓެމްބަރުގައި

ދެކުނު ކޮރެއާގެ ސެމްސަންގުގެ ފަތްޖެހި ފޯނު ނެރޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. އަޑުތައް ހުރި ގޮތުން ބެލެވެނީ ދެން މާ ލަހެއް ނުވާނެ ކަމަށެވެ.


މި ރޭހުގައި އުޅޭ ކުންފުނިތަކުގެ ތެރެއިން ޗައިނާގެ ވާވޭ އިން ވެސް މިހާރު އަންނަނީ އެ ކުންފުނީގެ ފަތްޖެހި ފޯނު ބާޒާރަށް ނެރެން ތައްޔާރުވަމުންނެވެ. ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ވާވޭގެ ފަތްޖެހި ފޯނު "މޭޓް އެކްސް" ސެޕްޓެމްބަރު މަހުގެ ތެރޭގައި ނެރޭނެ އެވެ.

މީޑިއާތަކުން ބުނީ އެ ކުންފުނިން ފޯނު ނެރުން ފަސްކުރި ސަބަބަކީ ފެބްރުއަރީ މަހުގެ ތެރޭގައި ދައްކައިލި ސެމްސަންގް ގެލެކްސީ ފޯލްޑުގެ ޑިސްޕްލޭގައި ބޮޑެތި ޓެކްނިކަލް މައްސަލަތަކެއް ހުރިކަން ހާމަވުމުމެވެ.

އެހެންވެ އެ މައްސަލަ ވާވޭގެ "މޭޓް އެކްސް" އަށް ކުރިމަތި ނުވާނެކަން ކަށަވަރުވުމުގެ ގޮތުން ފޯނުގެ ކޮލިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ވަގުތު ދޭން ނިންމީ އެވެ. އެހެންވެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފޯނު ނެރޭ އިރު "މޭޓް އެކްސް" އަކީ ވަރަށް ފުރިހަމަ ބޭނުން،ކުރަން ފަސޭހަ އަދި ޗާލު ފޯނަކަށް ވާނެ ކަމުގެ ޔަގީންކަން ވާވޭ އިން ދޭން ބޭނުންވެ އެވެ.

މިކަމާ ބެހޭ ގޮތުން އެ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ވިންސެންޓް ޕެންގް "ޓެކްރާޑާ" އާއި "ވޯލް ސްޓްރީޓް ޖާނަލް" އަށް ވިދާޅުވީ "މޭޓް އެކްސް" ކަސްޓަމަރުން މާޔޫސް ކުރުވަން ބޭނުން ނުވާ ކަމަށެވެ. އަދި ވާވޭގެ އުފެއްދުމަކާ ދޭތެރޭ ސުވާލު އުފެދެން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ މޭޓް އެކްސްގެ ވަރަށް ގިނަ ޓެސްޓްތަކެއް މިހާތަނަށް ވެސް ހަދައިފި،" ވިންސެންޓް ވިދާޅުވި އެވެ. "އަހަރެމެން ގެރެންޓީ ދެން ސެޕްޓެމްބަރުގައި ފޯނު ނެރޭނެކަން."

"މޭޓް އެކްސް" ސެޕްޓެމްބަރުގައި ނެރެން ނިންމި ނަމަވެސް އަދި ސީދާ ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ބެލެވޭ ގޮތުން މި ފޯނުގެ އަގު ފެށޭނީ 2،600 ޑޮލަރު (40،300ރ.) އިންނެވެ.