ބައިއު މުއައްޖަލް: ލޯނަށް ފައިސާ ދެއްކުމަށް ބޮޑު ލުޔެއް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ތައާރަފް ކުރި "ބައިއު މުއައްޖަލް" އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓަކީ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެ ހިދުމަތެއް ކަމަށް އެޗްޑީސީން ބުނެފި އެވެ.


އެޗްޑީސީން ބުނި ގޮތުގައި މި ނިޒާމް ތައާރަފް ކުރުމުގެ މަގްސަދަކީ އެ ކުންފުނިން ވިއްކާ ބިން، ފްލެޓް، ރޯހައުސް އަދި އިމާރާތް ގަނޑުކޮށް ނުވަތަ އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް އެ ކުންފުނީގެ މުދަލެއް ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ބައިއު މުއައްޖަލް ޕްރޮޑަކްޓް ތައާރަފް ކުރަނީ. - މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

އަލަށް ތައާރަފް ކުރި ހިދުމަތުން އިސްލާމީ އުސޫލުތަކުގެ މަތިން އެޗްޑީސީގެ މުދަލެއް މިލްކު ކުރުމުގެ ފުރުސަތު ލިބެ އެވެ. އަދި އެއްފަހަރާ ނުވަތަ ގަނޑުކޮށް ފައިސާ ދައްކަން ބޭނުން ނަމަ އެ މައުލޫމާތު ފަސޭހަ އިން އެނގެން އޮންނާނެ އެވެ.

މީގެ އިތުރުން އިންޓަރެސްޓާއި އިތުރު ޖޫރިމަނާތައް އެރުން ހުއްޓުމަކަށް އަންނާނެ އެވެ. އަދި ޖޫރިމަނާ ވާނެ އަދަދާއި އިތުރުނުވާ ގޮތަށް މިންވަރެއް ކަނޑައެޅިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޗެއާމަން މުހައްމަދު ސައިމަން ވިދާޅުވީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ގިނަ ބަޔަކަށް މިހާރު ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

ބުރަ ބޮޑު ނިޒާމެއްގެ ތެރޭގައި އެކަން އޮތުމުން ރައްޔިތުންނަށް ދަތި އުނދަގޫތައް ކުރިމަތިވޭ. އެއީ އިންޓަރަސްޓަކަށް ފަހު އިންޓަރެސްޓެއް ބޮޑުވަމުން ދާތީ. -ސައިމަން

އޭނާ ވިދާޅުވި ގޮތުގައި އަލަށް ތައާރަފް ކުރި ނިޒާމަކީ އިސްލާމީ އުސޫލުތަކުގެ މަތިން އެޗްޑީސީއާ މުއާމަލާތު ކުރަން ބޭނުންވާ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ނިޒާމެކެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ސައިމަން ވާހަކަ ދައްކަވަނީ. މި ނިޒާމްގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި. - މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
މި ނިޒާމުގެ ސަބަބުން އެޗްޑީސީ އަށް ދައްކަން ހުރި ފައިސާގެ އަދަދު އެނގިގެންދާނެ. އޭރުން އެމީހެއްގެ ފައިނޭންޝަލް ޕްލޭނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ. -ސައިމަން

މީގެ އިތުރުން މި ނިޒާމު މެދުވެރިކޮށް އެޗްޑީސީއާ މުއާމަލާތުކުރާ ފަރާތްތަކަށް ފައިސާ ދައްކަން ޖެހޭ އަދަދު އެނގޭނެ ފަދަ އެޕްލިކޭޝަނެއް ކުރި އަށް އޮތް ދެތިން މަސް ތެރޭގައި ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސައިމަން ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ބައެއް ސަބަބުތަކާ ހުރެ ލޯނަށް ދައްކަން ޖެހޭ ފައިސާ އަށް ވުރެ ބޮޑު އަދަދެއްގެ ޖޫރިމަނާގެ ގޮތުގައި އަރަމުން އަންނަ ކަމަށެވެ. އެ ސަބަބާއި ހުރެ ލޯން އެއްކޮށް އަދާ ކުރުމަށް ބޮޑު ބުރައަކަށްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތަށް ފައިސާ ދައްކަން ޖެހޭ ވަރަށް ގިނަ ބަޔަކު އެބަތިބ. އަޅުގަނޑުމެންނާއި ގިނަ މީހުން ބައްދަލުކޮށް ބުނި ލުއި ގޮތެއް ހަދައިދިނުމަށް. ބައިއު މުއައްޖަލްގެ ބޭނުމަކީ އެ މީހުންނަށް ލުއި ގޮތެއް ހޯދައި ދިނުން. -ޖިހާދު

ޖިހާދު ވިދާޅުވީ މި ނިޒާމު، އެހެން މުއައްސަސާތަކުން ވެސް ތައާރަފް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަން އޭނާ ފާހަގަކުރެއްވި އެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފައިސާ ދެއްކޭ ނިޒާމު ތައާރަފް ކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތު. އެއް ފަހަރާ ފައިސާ ދައްކާ މީހުންނަށް ޑިސްކައުންޓެއް ލިބޭނެ. މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

އެޗްޑީސީން ބުނީ ފައިސާ ދައްކަން އެއްބަސްވި ތާރީހުގެ ކުރިން އެއް ފަހަރާ ފައިސާ ދައްކާ ހަލާސް ކުރާ މީހުންނަށް އެޗްސީސީން ޑިސްކައުންޓް ދޭނެ ކަމަށެވެ. އަދި ޖޫރިމަނާ ކޮށްފި ނަމަ ހައިރާތަށް ދިނުމަށް ފައިސާ ދައްކަން ޖެހޭނެ އެވެ. އެއީ ވައުދަކާ ހިލާފުވުމުން ކައްފާރައެއްގެ ގޮތުން ދައްކަން ޖެހޭ އަދަދެކެވެ.

މި އުސޫލުގެ ދަށުން އެޗްޑީސީން ވިއްކާނީ އެ ކުންފުނިން އިމާރާތްކޮށް ނުވަތަ ވިއްކުމުގެ ހައްގު ލިބިފައިވާ ތަންތަނެވެ. އަދި މިގޮތަށް ވިއްކޭ މުދަލަކީ ބޭނުންކުރެވޭ ގޮތަށް ނިމިފައިވާ ތަންތަނެވެ. މި އުސޫލުގެ ދަށުން ގަންނަ މުދަލުގެ މިލްކުވެރިކަން ބަދަލު ކުރެވޭނީ ފައިސާ ދައްކައި ހަލާސް ކުރުމުންނެވެ.

އެޗްޑީސީން ބުނީ އެ ކުންފުންޏާއެކު މީގެ ކުރިން އެގްރީމެންޓް ގާއިމުކޮށްފައި ތިބި މީހުންނަށް ވެސް ސިސްޓަމަށް ވަނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ކުރި އަށް އޮތް ދެ ހަފުތާގެ ތެރޭގައި އެޕްލިކޭޝަނަށް ހުށަހަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.