ހަތަރުވަނަ ތައިލެންޑް ބިޒްނަސް މެޗިން ފޯރަމް ފަށައިފި

އިކޮނޮމިކް މިނިސްޓްރީ އާއި ތައި ޓްރޭޑް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ ހަތަރު ވަނަ ބިޒްނަސް މެޗިން ފޯރަމް ފަށައިފި އެވެ.


މި ފޯރަމް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. މިނިސްޓަރާއެކު ތައި ޓްރޭޑް ސެންޓަރުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ މި ހަފުލާގައި ބައިވެރިވެފަ އެވެ.

މިއަދު ހެނދުނު ފަށާފައިވާ މި ފޯރަމް ކުރިއަށް ދާނީ ހަވީރު 4:00 އާ ހަމައަށެވެ. މިފޯރަމުގައި ތައިލެންޑުގެ 27 ވިޔަފާރިވެރިވެރިޔަކު ވަނީ ބައިވެރިވެފަ އެވެ.

ހަތަރުވަނަ ތައިލެންޑް ބިޒްނަސް މެޗިން ފޯރަމުގެ ތެރެއިން-- ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ފޯރަމަކީ ރާއްޖޭގެ ވިޔަފާރިވެރިންނާއި ތައިލެންޑުގެ ވިޔަފާރިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ ފޯރަމެއް ކަމަށެވެ. އެގޮތުން މި ފޯރަމުގައި ބައިވެރިވާ ތައިލެންޑުގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބޭނެ އެވެ.

ތައިލެންޑް ބިޒްނަސް މެޗިން ފޯރަމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ މާކެޓުގައި އެންމެ ބޮޑު ޑިމާންޑު އޮންނަ ތައިލެންޑުގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ. އެގޮތުން ރީތިވާ ސާމާނާއި، ގެއަށް ބޭނުންވާ ސާމާނުގެ އިތުރުން ކާން ބޭނުންކުރާ ބައެއް އެއްޗެހި ބަލައިލުމުގެ ފުރުސަތު މިފޯރަމުގެ ތެރެއިން ލިބިގެންދާނެ އެވެ.