ރެއިންބޯގެ އުމްރާ ދަތުރުގެ ނަސީބުވެރިން ހޮވައިފި

ރެއިންބޯ އެންޓަޕްރައިސަސް އިން މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ ރަމަޟާން ސޭލްގެ އުމްރާ ދަތުރުގެ ނަސީބުވެރިން ހޮވައިފި އެވެ.


މި ނަސީބުވެރިން ހޮވާފައިވަނީ ރެއިންބޯ ލިވިން މޯލްގައި މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. އެގޮތުން ގުރުއަތުން ހޮވިފައިވަނީ ގ. އަލިނަރު މަރިޔަމް އާއި އޯޓަމް ވާދީ އަބްދުﷲ ވަހީދުގެ އިތުރުން މއ. ރިހިރާޅު އައިމިނަތު އީޝަލް އެވެ. މީގެ ތެރެއިން ކޮންމެ ނަސީބުވެރިއަކަށް ވެސް ދެ މީހެއްގެ އުމްރާ ދަތުރު ވަނީ ލިބިފަ އެވެ.

ރެއިންބޯ އެންޓަޕްރައިސަސްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ނޫސްވެރިންނަށް މައުލޫމާތު ދެނީ-- ފޮޓޯ:މިހާރު

ރެއިންބޯ އެންޓަޕްރައިސަސްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ އަސްލަމް ބުނީ އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރުގެ ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. މިއީ މިހާތަނަށް އެ ކުންފުނީގެ ރެކޯޑެއް ކަމަށް ވެސް އަބްދުﷲ ބުންޏެވެ.

"ކުރީ އަހަރުތަކުގެ ޕްރޮމޯޝަނަށްވުރެ މި އަހަރުގެ ޕްރޮމޯޝަނުގެ ތަރުހީބު ބޮޑު. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މިއީ ރެއިންބޯގެ ރެކޯޑެއް. މި ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންގެ ފިހާރަތަކުން ވިޔަފާރި ކުރި މީހުންގެ އަދަދާއި ޒިޔާރަތް ކުރި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައި." އަބްދުﷲ ބުންޏެވެ.

ރެއިންބޯގެ "ގެޓް ޔުއަ ކޭޝް ބެކް" ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވުމުގެ ތެރެއިން-- ފޮޓޯ:މިހާރު

ރަމަޟާން ސޭލްގެ އިތުރުން ރެއިންބޯއިން ވަނީ އެ ކުންފުނީގެ ފިހާރަތަކުން ވިޔަފާރި ކުރި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ "ގެޓް ޔުއަ ކޭޝް ބެކް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ވެސް ހޮވައިފަ އެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ އަށް އޭނާ ގަތް މުދަލުގެ އަގު އަނބުރާ ލިބޭނެ އެވެ.

ރެއިންބޯގެ ޕްރޮމޯޝަންތަކުގެ ނަސީބުވެރިން އިނާމް ބަލާ ދާއިރު އައިޑީ ކާޑާއި އޮރިޖިނަލް ކޫޕަން ކޮޅު ގެންދަން ވާނެ އެވެ. އަދި ނަސީބުވެރިން އިއުލާން ކުރާތާ ހަ މަސް ތެރޭގައި އިނާމާއި ހަވާލުވާނެ ޖެހޭނެ އެވެ.