ލޯކަލް ޓޫރިޒަމަށް ހާއްސަ މަޖައްލާއެއް ނެރެފި

ލޯކަލް ޓޫރިޒަމް އިޝްތިހާރު ކުރުމަށް އޯކާ މީޑިއާ ގްރޫޕުން ތައްޔާރުކޮށްފައިވާ "ލޯކަލް އައިލެންޑް ޓޫރިޒަމް" މަޖައްލާ މިއަދު ނެރެފި އެވެ.


މި މަޖައްލާ ނެރެދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި އޯކާ މީޑިއާ ގްރޫޕުގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރު އެވެ.

މި މަޖައްލާގައި ރާއްޖޭގެ ރަށްތަކުގައި ހުންނަ ގެސްޓް ހައުސްތަކުގެ މައުލޫމާތު ހިމެނެ އެވެ. އޭގެތެރޭގައި އެނދުގެ އަދަދާއި ކޮޓަރީގެ އަގާއި ގެސްޓް ހައުސްއިން ފޯރުކޮށްދޭ ހިދުމަތްތައް ހިމެނެ އެވެ. މި މައުލޫމާތުތަކަކީ ބޭރުގެ އޭޖެންޓުންނަށް މުހިންމު މައުލޫމާތުތަކެކެވެ.

ލޯކަލް ޓޫރިޒަމް އިޝްތިހާރު ކުރުމަށް ނެރެފައިވާ މެގަޒިން-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޯކާ މީޑިއާ ގްރޫޕުގެ ސީއީއޯ ޑރ. ސަނީ ވިދާޅުވީ ލޯކަލް ޓޫރިޒަމް އިޝްތިހާރު ކުރުމަށް މެގަޒިނެއް ތައްޔާރު ކުރީ އޭގެ ސަބަބުން ބޭރުގެ އޭޖެންޓުންނަށް ބޭނުންވާ މައުލޫމާތު ލިބި ރާއްޖޭގައި ބަޖެޓް މާކެޓެއް އޮތް ކަން އެންގުން ކަމަށެވެ. މި މަޖައްލާތައް ބޭރު ގައުމުތަކުގައި ބާއްވާ ފެއާތަކުގައި ބަހާނެ ކަމަށް ވެސް ޑރ. އުމަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ލޯކަލް ޓޫރިޒަމް އެބަދޭ މިހާރު ފުޅާވަމުން. އެހެންކަމުން މި މެގަޒިން ބައްޓަން ކުރެވިފައި މިވަނީ އަޅުގަނޑުމެން ދާ ފެއާތަކާއި އެމްއެމްޕީއާރުސީގެ އެހީގައި ދާ ފެއާތަކުގައި އޭޖެންޓުންނަށް ބެހުމަށް. އެހެންވީމާ މި މެގަޒިންގަ ހުންނަ ހުރިހާ މައުލޫމާތުތަކަކީ ވެސް އޭޖެންޓުންނަށް ބޭނުންވާނެ މައުލޫމާތު." ޑރ. ސަނީ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މި މެގަޒިންއާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު ވިދާޅުވީ އަމިއްލަ ކުންފުނިތަކުން އިސްނަގައިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މިއަދު ނެރުނު މަޖައްލާގެ ސަބަބުން ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތައް އެއްބާރުލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެމެން ޓޫރިޒަމް އިންޑަސްޓްރީގައި ގެސްޓްހައުސް ޕްރޮމޯޓް ކުރުމަށް މިދަނީ ވަރަށް ގިނަ ކަންތައްތައް ކުރަމުން. އެގޮތުން މިއަދު މި ލޯންޗު ކުރި މެގަޒިންއަކީ އަލުގަނޑުމެންގެ މި މަސައްކަތުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާނެ އެއްޗެއް." ތޮއްޔިބު ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމް އިޝްތިހާރު ކުރުމަށް މެގަޒިނެއް ނެރެފައިވާއިރު ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށްތަކުގައި 700 އަށްވުރެ ގިނަ ގެސްޓް ހައުސް ހުރެ އެވެ. މިއަދަދު ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި 1،500 އަށް އިތުރު ވާނެ ކަމަށް ލަފާ ކުރެވެ އެވެ.