ރިސޯޓް ހަދަން ދޫކުރި 70 ވަރަކަށް ރަށުގެ މަސައްކަތް އޮތީ ހުއްޓިފައި

ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރަން އެކި ފަރާތްތަކަށް ދޫކޮށްފައިވާ 70 ވަރަކަށް ރަށުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އެބަ އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ޓޫރިޒަމް މިނިސްްޓްރީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މަސައްކަތް ކުރިއަށް ނުދާ ރަށްތަކުގެ ތެރޭގައި މީގެ 10 އަަހަރު ކުރިން ދޫކުރި ބައެއް ރަށްރަށް ވެސް ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެހާ ދިގު މުއްދަތެއް ހޭދަވާނީ ސަރުކާރުތަކުން ބަލަންވާ ވަރަށް ނުބެލުމުންނެވެ.

"އެބަހުރި 2006 ވަނަ އަހަރު ދިން ރަށްތައް ވެސް އިނގޭތޯ. މި ކިޔަނީ މީހެއްގެ އުމުރުގެ ފަސް ބައިކުޅަ އެއްބައި، އާއްމު އުސޫލުން ނަމަ ހަބައިކުޅަ އެއްބައި މީ،" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ރިސޯޓް ނުހެދި ހުއްޓިފައިވާ ރަށްތައް ތަރައްގީކުރަން ގާނޫނީ ގޮތުން ކުރަން ހުރި ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ކުރާނެ އެވެ. އަދި ރައްޔިތުންގެ ރަށްތައް ނަގައިގެން ތަރައްގީ ނުކޮށް ތިބުމުގެ ފުރުސަތު މި ސަރުކާރުން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ރަށްރަށް ނުހެދި ވަނީ ރަށް ލިބުނު ފަރާތުގެ މައްސަލައިން އެކަނި ނޫން ކަމަށެވެ. ބައެއް ރަށްރަށަށް ސަރުކާރުން ހުރަސް އަޅާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ހަމަ ސަރުކާރުން، ކުރީގެ މިނިސްޓްރީ ތެރޭ އެބަހުރި މީހުންނަށް ހުރަސް އަޅާ، ހަމަ ގޯނާކޮށް. ސިޔާސީ ފިކުރު ތަފާތުވީމާ ވެސް އެބަހުރި ކަންކަން ކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ތަރައްގީ ނުކުރެވި ހުރި ރަށްރަށް އަލުން ބާޒާރަށް ނެރެވޭނީ ހަމައެކަނި އެ ރަށްތަކުގެ އެއްބަސްވުން ބާތިލުކޮށްގެން ކަމަށް އަލީ ވަހީދު ގަބޫލެއްނުކުރައްވަ އެވެ. އެގޮތަށް ކަންތައް ކޮށްފި ނަމަ އެ މައްސަލަ ކޯޓަށް ވެއްދުމުން ކޯޓުގައި ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ހޭދަވާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ފަސް އަހަރު އަޅުގަނޑުމެން ނިންމާނީ ހުރިހާ ރަށެއް [ކޯޓުގައިތޯ؟]. ނުވަތަ ރަށްތައް ހަދައި ނެރެގެންތޯ؟ މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ސުވާލަކީ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ރަށްތަކެއް ޓޫރިޒަމަށް ދޫކުރުމަށް ވުރެ، ނުހެދި ހުރި ރަށްރަށް ތަރައްގީކުރެވޭނެ ގޮތެއް ހޯދުން މާ މުހިއްމެވެ.

ނުހެދި ހުރި ރަށްރަށް ދެތިން އަހަރުގެ ތެރޭގައި ހުޅުވޭވަރުވާނެ ކަމަށް އަލީ ވަހީދު ދެކެވަޑައިގަންނަވަ އެވެ.

ޓޫރިޒަމް ދާއިރާގެ މަސައްކަތް ލަސްވަނީ ކުރީގެ ސަރުކާރުގެ އޮޅުންބޮޅުންތަކާ ހެދި ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް މިއަދު އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ސްޕީޑް ލަސްކަމަށް އެފަރާތްތަކުން ބުނާ އިރު ކަންތައްތައް ލަސްވުމުގެ ސަބަބަކީ ކުރީ ސަރުކާރުން ކަންތައްތައް ކޮށްފައި ހުރި ގޮތެވެ.