ވިލާ ކޮލެޖުގެ ސޯޝަލް ރިސާޗް ކޮންފަރެންސްގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފި

ވިލާ ކޮލެޖުން ކުރިއަށް ގެންދާ ސޯޝަލް ރީސާޗް ކޮންފަރެންސްގެ ޕާޓްނަރުންނާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.


"އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރީސާޗް އެންޑް އިނޮވޭޝަން 2019" އަށް ހަތް ކުންފުންޏެއް ޕާޓްނަރުންގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ. މި މަހުގެ 17 އަދި 18 ވަނަ ދުވަހު ބާއްވާ މި ކޮންފަރެންސްގެ މެއިން ސްޕޮންސަރީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް އެވެ.

ނޮވެލްޓީގެ އިތުރުން ވީޓީވީ، އެމްޔޫ ސްޓޯރު، މިހާރު ނޫސް، ލެމަންގްރާސް، ޗަމްޕާ ސެންޓްރަލް އަދި އުރީދޫން ވެސް އެ ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.

މީގެ ތިން އަހަރު ކުރިން 2016 ގައި ފެށި މި ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ "ޓްރާންސްފޮމޭޓިވް ތިންކިން -- ލީޕް ޓު ދަ ފިއުޗާ" އެވެ. ދެ ދުވަހުގެ މުއްދަތަށް ވިލާ ކޮލެޖުގައި ކުރިއަށް ގެންދާ މި ކޮންފަރެންސްގައި މި އަހަރު 60 އަށް ވުރެ ގިނަ ކަރުދާސް ހުށަހަޅާނެ އެވެ. އަދި އިޖްތިމާއީ އެކި ކަންކަމާ ގުޅޭ ގޮތުން ހަތަރު ކީ ނޯޓް ސްޕީޗް އާއި ފަސް ޕެނަލް ޑިސްކަޝަން ކުރިއަށް ދާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މި ކޮންފަރެންސްގައި ހުށަހަޅާ ކަރުދާސްތައް ވިލާ ކޮލެޖުގެ ބައިނަލްއަގްވާމީ ޖާނަލްގައި ޝާއިރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ބޭރުގެ ތަޖުރިބާކާރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވާނެ އެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ. އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އައިސީއާރްއައި ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ޕާޓްނަރުންނާ އެކު ސޮއިކުރި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ޕޮލިސީ ކަނޑައެޅުމުގެ އާދަ ރާއްޖޭގައި އަށަގަންނަން ޖެހޭ ކަމަށެވެ. އަދި އެ ކަމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުން ވެސް އަޅާލަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިހާރު ދިވެހި ރާއްޖެ މި އޮތް ފެންވަރުން އާ އުސްމިނަކަށް ދާން ބޭނުން ނަމަ ރިސާޗް ބޭސްޑް ނިންމުންތައް ނިންމަންޖެހޭ. ލަފައެއްގެ މައްޗަށް ނުވަތަ ހީވާ ހީވުމެއްގެ ނުވަތަ މީހުން ބުނާ އެއްޗެއްގެ މައްޗަށް ނިންމުމުގެ ބަދަލުގައި ދިރާސާކޮށްގެން ކުރިއަށް ގެންދެވޭ ނަމަ ވަރަށް މުހިއްމު ވާނެ ކަމަށް އަޅުގަނޑަށް ގަބޫލް ކުރެވޭ،" އަންވަރު ވިދާޅުވި އެވެ.

މިއީ ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ވެސް އެންޑޯޒްކޮށްފައިވާ ކޮންފަރެންސެކެވެ. މީގެ އިތުރުން ޔުނިސެފް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް އަދި މެލޭޝިއާގެ އިންފިންޓެލް އިން ވެސް ވަނީ މި ކޮންފަރެންސް އެންޑޯޒްކޮށްފަ އެވެ.