މޯލްޑިވިއަނުން އިތުރު ދެ ބޯޓު ގެންނަނީ

އަލަށް ތަރައްގީކޮށް ހުޅުވާ އެއާޕޯޓުތަކަށް ދަތުރުތައް ކުރުމަށް އިތުރު ދެ މަތިންދާބޯޓު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.


އިއްޔެ ކުރިއަށްދިޔަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގައި ރިޒްވީ ވިދާޅުވީ މި އަހަރުގެ ތެރޭގައި ހަތަރު އެއާޕޯޓް އަލަށް ހުޅުވާ އިރު މިހާރު ހުރި ފްލައިޓުތަކުން އެ އެއާޕޯޓުތަކަށް ދުވަހުން ދުވަހަށް ދަތުރުތައް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މި ދަތުރުތައް ކުރުމަށް މޯލްޑިވިއަން އަށް އިތުރު ދެ ބޯޓު ބޭނުންވާނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

މީގެ އިތުރުން ފްލީޓް އެކްސްޕޭންޝަންގެ މަސައްކަތް މިހާރު އައިލެންޑް އޭވިއޭޝަނުން ކުރަމުން އަންނަ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގިފަ މިވަނީ ހަތަރު އެއާޕޯޓެއް މި އަހަރު ތެރޭގައި ހުޅުވޭނެ ކަން. އަޅުގަނޑުމެން މިދަނީ ފްލީޓް އެކްސްޕޭންޝަނުގެ މަސައްކަތް ކުރަމުން. މިހާރު ހުރި ފްލައިޓްތައް ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ރިސޯޓުތަކަށާއި އެއާޕޯޓުތަކަށް ޔުޓިލައިޒް ނުކުރެވޭނެ. އެހެންވީމާ ކުރިއަށް އޮތްތާނގައި އިތުރު ދެ އެއާ ކްރާފްޓް ގެނެސްގެން ނޫނީ މި އެއާޕޯޓުތަކަށް ޑެއިލީ ދަތުރުތަކެއް ނުބޭއްވޭނެ،" ރިޒްވީ ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުތައް ކުރުމަށް 10 ބޯޓު ބޭނުންކުރަމުންނެވެ. އެގޮތުން ރާއްޖޭގެ 11 އެއާޕޯޓަކަށް މޯލްޑިވިއަނުން ދަތުރުތައް ކުރެ އެވެ.