ފެން އުފައްދަން ޔޫއޭއީ އަށް އައިސްބާގެއް ގެންދަނީ

މެދުއިރުމަތީގެ ބައެެއް ގައުމުތަކަކީ ތަރައްގީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމަތަކަށް ވިޔަސް، އެ ސަރަހައްދުގެ ހޫނު މޫސުމުގެ ސަބަބުން ކުރިމަތިވާ ދަތިތަތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ސާފު ބޯފެނަށް ކުރަންޖެހޭ ހަރަދު ބޮޑުވުމެވެ. މައިގަނޑު ގޮތެއްގައި ޑިސެލިނޭޝަން ފެން ބޭނުން ކުރާ އިރު، މިއީ އަގުގެ ގޮތުންނާއި ސިއްހީ ގޮތުން ވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ނުވެދާނެ އެވެ.


އެހެންވެ ޔޫއޭއީން މިހާރު މި ވަނީ މުޅިން އަލަށް، ވަރަށް ތަފާތު ޕްރޮޖެކްޓެއް ފެނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން މަސައްކަތް ފަށައިފަ އެވެ. މިއީ އެ ގައުމުގެ ވިޔަފާރިވެރިޔަކު އިސްކޮށް ހުރެގެން ކުރިއަށް ގެންދާ އާދަޔާހިލާފު މަޝްރޫއެކެވެ.

ކުރަން އުޅޭ ކަމަކީ ބިޔަ ގަނޑުފެނުން ފުރިފައިވާ އެންޓާޓިކާ ސަރަހައްދުން ބިޔަ އައިސްބާގެއް ކެރީބިއަން ގަލްފަށް ގެންގޮސް އެއިން ބޯފެން އުފައްދައި ފޯރުކޮށް ދިނުމެވެ.

މި މަޝްރޫއާ ބެހޭ ގޮތުން ނެޝަނަލް އެޑްވައިޒާ ބިއުރޯ ލިމިޓެޑްގެ މެނެޖިން ޑިރެކްޓަރު އަބްދުﷲ އަލްޝޭހީ ވިދާޅުވީ މިކަމާ ދޭތެރޭ އޭނާ ވިސްނަވާތާ މިހާރު ހައެއްކަ އަހަރު ވެދާނެ ކަމަށެވެ. އޭނާގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި 2km x 500m ގެ އައިސްބާގެއް ގަލްފަށް ގެންދިއުމެވެ. އެ އައިސްބާގް ގެންދާނީ ދެކުނު ތަނޑީގެ ކައިރީގައި އޮންނަ "ހިއާ އައިލެންޑް" އިންނެވެ.

"އައިސްބާގް ޕްރޮޖެކްޓް" އާ ގުޅޭ ވީޑިއޯއެއް.

ޔޫރޯނިއުސް އަށް އަބްދުﷲ ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 100-150 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުން އެތައް މިލިއަން ބަޔަކަށް، ސާފު ބޯފެން ފޯރުކޮށް ދެވޭނެ އެވެ.

"ފެނަށް މިހާރު ކުރާ ހަރަދު ވެސް މި މަޝްރޫގެ ސަބަބުން ކުޑަވެގެން ދާނެ. ހަމައެކަނި އަގު ކުޑަވާނީކީ ނޫން. ގަލްފް ސަރަހައްދުގެ މޫސުމަށް ވެސް ބަދަލުތަކެއް ގެނެސްވޭނެ އައިސްބާގެއް ގެނެސްގެން ކުރެވޭ މަސައްކަތުގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މެދުއިރުމަތީގައި މިފަދަ މަޝްރޫއެއް 1975 ގައި ކުރިއަށް ގެންދިޔަ އެވެ. އެއީ ފްރާންސްގެ ސައިންޓިސްޓުންގެ ޓީމެއް އިސްކޮށް ތިބެގެން، ސައުދީ އަރަބިއްޔާ އަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރަން ކުރިއަށް ގެންދިޔަ މަޝްރޫއެވެ. އެކަމަކު މަޝްރޫއުން އެދެވޭ ނަތީޖާއެއް ނުނެރެވި އޭގެ ދެ އަހަރު ފަހުން ޖެހުނީ ހުއްޓާލާށެވެ.

ނަމަވެސް މީގެ 44 އަހަރު ކުރިން ހިންގި މަޝްރޫއެއް ފެއިލް ވިޔަސް އަބްދުﷲ ވިދާޅުވީ މިއީ 21 ވަނަ ގަރުނުގެ ވަރުގަދަ ޓެކްނޮލޮޖީގެ އެހީގައި މިހާރު ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އައިސްބާގް ދެކުނު ތަނޑިން ގަލްފަށް ގެންނާނީ އެކަމަށް ހާއްސަކޮށް ތައްޔާރު ކުރާ އެއްޗެއްގެ އެހީގައި. އެހެންވީމާ އޭތި ވިރުމާއި ބިންދައިގެން ދިއުން ކަހަލަ ކަންކަމެއް ވެސް ކުރިމައްޗެއް ނުވާބެ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު ލަފާކުރެވޭ ގޮތުން އައިސްބާގް ގަލްފަށް ގެންދަން ގާތްގަނޑަށް ދިހަ ވަރަކަށް މަސް ނަގާނެ."

"އައިސްބާގް ޕްރޮޖެކްޓް" އާ ގުޅޭ ވީޑިއޯއެއް.

އަބްދުﷲ ރާއްވަވާފައިވާ ގޮތުން ނަމަ އައިސްބާގް ގެންދެވުމާ އެކު، އެއިން ބޯފެން އުފެއްދުމުގެ މަސައްކަތް ފަށާނެ އެވެ. އެކަމަކު ސިސްޓަމް ރާވާފައިވާ ގޮތުން ފެން "ހާވެސްޓް ކުރަން" ދެތިން މަސް ނަގާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

"މީގެ ސަބަބުން ފަސް އަހަރަށްވާ ވަރަށް ފެން އުފެއްދި މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ފެން ފޯރުކޮށް ދެވޭނެ. ހަމައެއާ އެކު ގަލްފް ސަރަހައްދުގެ މޫސުމަށް އައިސްބާގް ޕްރޮޖެކްޓްގެ ސަބަބުން ބަދަލުތަކެއް ގެނެވި، ވާރޭ ވެހޭ މިންވަރު ވެސް އިތުރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ ޖުމްލަކޮށް ބަލާ އިރު މުޅި ޕްރޮޖެކްޓުން ޔޫއޭއީގެ އިގުދިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ. އޭގެ ތެރޭގައި ދަނޑުވެރިކަން ކުރަން ފަސޭހަވުމާއި ޓޫރިޒަމް ދާއިރާ ވެސް ފުޅާވުން ހިމެނޭ."

އަބްދުﷲ އާއި އޭނާގެ ޓީމުން ރާވާފައިވާ ގޮތުން ނަމަ "އައިސްބާގް ޕްރޮޖެކްޓް" ގެ ޓްރަޔަލް ޕްރޮޖެކްޓް މި އަހަރުގެ ފަހުކޮޅު ފަށާނެ އެވެ. އަދި މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ޔޫއޭއީގެ ފުޖައިރޭ އައްސޭރީގަ އެވެ. ޓްރަޔަލް ޕްރޮޖެކްޓަކަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ހޭދަ ވާނެ އެވެ.