ޑޭވިޑް ބެކަމް ފިލްމު ސްޓޫޑިއޯއެއް ލޯންޗްކޮށްފި

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް "99" ގެ ނަމުގައި ހިންގާ ބްރޭންޑުގެ ދަށުން އަމިއްލަ އެންޓަޓައިންމަންޓް ސްޓޫޑިއޯއެއް ވެސް ލޯންޗްކޮށްފި އެވެ.


ވިހި އަހަރަށް ފަހު 2013 ގައި ޕްރޮފެޝަނަލް ފުޓްބޯޅަ އިން ރިޓަޔާކުރި ބެކަމްގެ ސްޓޫޑިއޯގެ ނަމަކީ ސްޓޫޑިއޯ 99 އެވެ. އޭނާގެ ދުވަސްވީ މެނޭޖަރު އަދި ޑޭވިޑް ބެކަމް ވެންޗާޒްގެ މެނެޖިން ޑިރެކްޓަރު ޑޭވިޑް ގާޑްނާއާ ގުޅިގެން އުފެއްދި ސްޓޫޑިއޯ އިން ޓީވ ޝޯތަކާއި ޑޮކިއުމަންޓަރީތަކާއި ޓީވީ ކޮމާޝަލްތަކާއި އަދި އެ ނޫން ވެސް ގިނަ އުފެއްދުންތައް ގެނެސް ދޭނެ އެވެ.

އޭގެ ދަށުން މިހާރު ވެސް ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތްކުރަމުން އަންނަ އިރު، ބެކަމް، 44، އާ ގުޅުން ހުރި ޑޮކިއުމަންޓަރީތަކެއް ގެނެސް ދޭން ވަނީ ނިންމައިފަ އެވެ.

ވެރައިޓީން ބުނި ގޮތުގައި ސްޓޫޑިއޯ 99 އިން ވަނީ އެމެރިކާގެ މަޝްހޫރު ބާސްކެޓް ބޯޅަ ތަރި އަދި އަންއިންޓަރަޕްޓެޑް މީޑިއާގެ ކުންފުނީގެ އެއް ބާނީ ޖޭމްސް ލެބްރޯން އާއި އެ ކުންފުނީގެ ސީއީއޯ މެވެރިކް ކާޓާއާ ގުޅިގެން ވެސް އުފެއްދުންތަކެއް ގެނެސް ދޭން ނިންމައިފަ އެވެ.

View this post on Instagram

Really exciting times ahead! 🙌🏼🎥🔥

A post shared by David Beckham (@davidbeckham) on

މިކަމާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ ކުރީގެ އަންހެން ބޭންޑް "ސްޕައިސް ގާލްސް" ގެ މެމްބަރު ވިކްޓޯރިއާ ބެކަމްގެ ފިރިމީހާ އަދި ހަތަރު ކުދިންގެ ބައްޕަ ބުނީ ސްޓޫޑިއޯއެއް ހަދައިގެން މަސައްކަތްތަކެއް ކުރަން ހިތްވަރު ލިބުނީ އެހެން ކުޅިވަރު ޝަހުސިއްޔަތުން ވެސް ކުރަމުން އަންނަ މަސައްކަތްތަކުން ކަމަށެވެ. އޭގެ ތެރޭގައި ލެބްރޯން އާއި ސްޓީވެން ކަރީ އާއި ރަސަލް ވިލްސަން އާއި ޑެރެކް ޖެޓާ ފަދަ މީސްމީހުން ހިމެނެ އެވެ.

"ކްރިއޭޓިވް ވަރަށް ގިނަ އުފެއްދުންތަކެއް އަހަރެންގެ ސްޓޫޑިއޯ އިން ވެސް ކުރިއަށް އޮތް ތަނުގައި ގެނެސް ދޭނެ،" ބެކަމް ބުންޏެވެ. "އަދި ގާތް މީހުންނާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރެވުމަކީ ވަރަށް ވެސް ބޮޑު އުފަލެއް."

ވެރައިޓިން ބުނި ގޮތުގައި ސްޓޫޑިއޯ 99 ގެ މައި އޮފީސް ލަންޑަންގައި ހިންގަން ހަމަޖެހިފައިވާ އިރު، އެމެރިކާގެ ލަސް ވެގަސްގައި ވެސް ސްޓޫޑިއޯގެ ގޮތްޕެއް ހުޅުވަން ވަނީ ރާވައިފަ އެވެ.

ސްޓޫޑިއޯ 99 ގެ ނަމުގައި މީޑިއާ ކުންފުންޏެއް ބެކަމް ލޯންޗް ކުރި އިރު، މިދިޔަ އަހަރު އޭނާ ވަނީ ޑޭވިޑް ބެކަމް ވެންޗާގެ ދަށުން "ހައުސް 99" ގެ ނަމުގައި ކޮންސްމެޓިކް ލައިނެއް ވެސް ނެރެފަ އެވެ.