ސިނގިރެޓް ފޮށީގައި ޖެހި އިންޒާރުގެ ފޮޓޯއެއްގެ މައްސަލަ ބޮޑުވެއްޖެ

ދުންފަތުގެ އިސްތިއުމާލުގެ ނުރައްކާ ހާމަކޮށް ދިނުމުގެ ގޮތުން ސިނގިރެޓް ފޮށިތަކުގެ ބޭރުގައި ޖަހާ އިންޒާރުގެ ފޮޓޯއަކަށް ބަޑީގެ ހަމަލާއެއްގައި ޒަހަމްވެ އެއް ފައި ބުރިކޮށްލާފައިވާ މީހެއްގެ ފޮޓޯ ޖެހި މައްސަލައެއް ހޫނުވެއްޖެ އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަގްޒެމްބާގުން މިދިޔަ އަހަރު ގަތް ސިނގިރިޓް ފޮށީގެ ބޭރުގައި ޖަހާފައި ވަނީ އަލްބޭނިއާގައި 1997 ގައި ދިން ހަމަލާއެއްގައި ފަޔަށް ލިބުނު ޒަހަމްތަކަކާ ގުޅިގެން ވާތު ފައި ބުރިކޮށްފައިވާ އެ ގައުމުގެ 60 އަހަރުގެ މީހެއްގެ ފޮޓޯ އެވެ. އެ މީހާ އަކީ މިހާރު ފްރާންސްގައި ދިރިއުޅޭ މީހެކެވެ.

ފްރާންސްގެ މީޑިއާތަކުން ބުނި ގޮތުގައި އެ މީހާގެ ފޮޓޯ ސިނގިރެޓްގެ އިންޒާރަކަށް ބޭނުން ކުރިކަން އެނގުނީ އޭނާގެ ދަރިއަކު މިދިޔަ އަހަރު ލަގްޒެންބާގަށް ކުރި ދަތުރެއްގައި ގަތް ސިނގިރެޓް ފޮއްޓެއްގައި ފޮޓޯ ހުރިކަން އެނގުމާ އެކު އެވެ.

މިކަމާ ބެހޭ ގޮތުން، އެ ފިރިހެން މީހާގެ އަންހެން ދަރިފުޅު މީޑިއާތަކަށް ބުނީ ސިނގިރެޓް ފޮށީގައި އިނީ އެ މީހުންގެ ބައްޕަގެ ފޮޓޯކަން އެ ފެނުމާ އެކު ޔަގީންވި ކަމަށެވެ. އެގޮތުން އުނގަނޑުގެ ތިރި ފެންނަ ފޮޓޯއިން އެއީ ބައްޕަގެ ފޮޓޯއެއްކަން ކަށަވަރު ކަމަށާއި އެ ފޮޓޯ އަކީ މިދިޔަ އަހަރު ފްރާންސްގެ ހޮސްޕިޓަލެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ކަމަށް ބުންޏެވެ.

"ބޭބެ ލަގްޒެންބާގުން ގަތް ސިނގިރެޓް ފޮށީގައި އިނީ ބައްޕަގެ ފޮޓޯ ކަމަށް ޝައްކު ކުރެވޭތީ އޭނާ އެނބުރި އައި އިރު، އެ ހިފައިގެން އައިސް އަހަރެމެންނަށް ދެއްކީ،" އޭނާ ބުންޏެވެ. "އެ ފެނުމާ އެކު ވަގުތުން އަހަރެމެންނަށް ޔަގީންވި އެއީ ބައްޕަގެ ފޮޓޯކަން."

ސިނގިރެޓް ފޮށީގައި ޖަހާފައި އިން އިންޒާރުގެ ފޮޓޯ.

ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުރައްކާތެރިކަން ހާމަކޮށް ދިނުމަށް ސިނގިރެޓް ފޮށީގެ ބޭރުގައި ޖަހާ ފޮޓޯތަކަށް ޒިންމާވާ ޔޫރަޕިއަން ކޮމިޝަނުން ވަނީ ފިރިހެން މީހާގެ އާއިލާ އިން ދައްކާ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އެއީ އާއިލާ އިން އެ ދައުވާ ކުރާ މީހާގެ ފޮޓޯއެއް ނޫން. ފޮޓޯގައި އިން މީހާ އަކީ ކާކުކަން އަހަރެމެންނަށް އެނގޭ. އަދި ފޮޓޯ ކެމްޕޭނަށް ބޭނުން ކުރަނީ އެއްބަސްވުމެއްގެ ދަށުން،" ޔޫރަޕިއަން ކަމިޝަންގެ ތަރުޖަމާން ވިދާޅުވި އެވެ.

ނަމަވެސް ފިރިހެން މީހާގެ އާއިލާގެ ވަކީލު އެންޓޮނީ ފިޓެންޓޭ ވިދާޅުވީ އެއީ އެއްވެސް އޮޅުމެއް ނެތް ގޮތަށް އޭނާގެ މުވައްކިލުގެ ފޮޓޯ ކަމަށެވެ. އެހެންވެ ހުއްދަ ނެތި، ކަމާ ނުވެސް ގުޅޭ މީހެއްގެ ފޮޓޯ ބޭނުންކުރި މައްސަލާގައި ޔޫރަޕިއަން ކޮމިޝަނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމާ ދޭތެރޭ ވިސްނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން މުވައްކިލުގެ ކަރާމާތަށް ވެސް ވަނީ އަސަރުކޮށްފައި. އަދި އެ ފޮޓޯ ނެގި ހޮސްޕިޓަލުން އެ ފޮޓޯ މިކަހަލަ ކަމަކަށް ދޫކުރެވުނީ ކިހިނެއްތޯ ވެސް އަހަރެމެން ބަލާނަން،" ވަކީލު ވިދާޅުވި އެވެ.