އިންޑިޔާއިން ދިން ކަރެންސީ ސްވޮޕްގައި ސޮއިކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކު ކަރަންސީ ސްވޮޕް އެގްރިމަންޓެއްގައި ސޮއިކޮށްފި އެވެ.


މި އެގްރިމަންޓާ އެކު 400 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ކަނޑައަޅާފައިވާ ސްވޮޕް ފެސިލިޓީއެއް ނެގުމަށް އެމްއެމްއޭ އަށް ފުރުސަތު ލިބޭނެ އެވެ. މި ސްވޮޕް ފެސިލިޓީ ހަމަޖެހިގެން ދާނީ މިހާރު ވެސް އަމަލުކުރަމުންދާ 'ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޮ ސާކް ކަންޓްރީސް'ގެ ދަށުން އަމަލުކުރާ 'ސްޓޭންޑް ބައި ސްވޮޕް އެރޭންޖްމަންޓް' ގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަހުމަދު ނަސީރެވެ. އަދި، އާރްބީއައިގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރު އެމް. ރާޖެޝްވަރް ރާއޯ އެވެ.

ކަރެންސީ ސްވޮޕް އެގްރީމެންޓުގައި ސޮއި ކުރައްވަނީ. އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަހުމަދު ނަސީރު. އަދި، އާރްބީއައިގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރު އެމް. ރާޖެޝްވަރް ރާއޯ--ފޮޓޯ:އެމްއެމްއޭ

ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ކުރިން ގާއިމްކޮށްފައިވާ ކަރަންސީ ސްވޮޕް އެރޭންޖްމަންޓް އިތުރުކުރުމަށް އެއްބަސްވެފައި ވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެ އަށް ދިނުމަށް ކަނޑައަޅާފައިވާ 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީގެ ތެރެއިންނެވެ. މި އެއްބަސްވުމާ އެކު، ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ އިގްތިސާދީ ގުޅުން ވަރުގަދަ ވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ކަރެންސީ ސްވޮޕް ފެސިލިޓީއާ އެކު ރާއްޖޭގެ ރިޒާވް އިތުރުވެގެންދާނެ އެވެ. މިއީ ރިޒާވް ބޮޑު ކުރުމަށް އޮތް ވަގުތީ ހައްލެއް ނަމަވެސް، މިއާ އެކު ރާއްޖޭގައި އިންވެސްޓްކުރާނެ އިންވެސްޓަރުން ހޯދުމަށް ފަސޭހަ ވެގެންދާނެ އެވެ. ކަރެންސީ ސްވެޕުގެ ތެރެއިން ނަގާ ފައިސާ ލޯނު ނަގާ އުސޫލުން އަނބުރާ ދައްކަންޖެހެ އެވެ. އާރްބީއާ އާއެކު އަލަށް ހެނދުނު އެއްބަސްވުމުގެ ދަށުން ނަގާ ފައިސާ އަނބުރާ ދައްކަން ޖެހޭނީ ހަ މަހުންނެވެ.