ސެމްސަންގުގެ ފަތްޖެހި ފޯނު ސެޕްޓެމްބަރުގައި ބާޒާރަށް ނެރެނީ

ސެމްސަންގެ ފަތްޖެހި ފޯނު ބާޒާރަސް ނެރެން ތައްޔާރުވަމުން ދަނިކޮށް އޭގެ ސްކްރީނުގައި ޓެކްނިކަލް ބޮޑެތި މައްސަތަކެއް ހުރިކަން ފާހަގަ ކުރެވިގެން، ނެރުން މަޑުޖައްސާލުމަށް ފަހު، އަންނަ ސެޕްޓެމްބަރުގައި ނެރެން ތައްޔާރުވެއްޖެ އެވެ.


މީޑިއާތަކާ ރިޕޯޓްކޮށްފައިވާ ގޮތުގައި ފަތްޖެހި ފޯނަށް ދިމާވި މައްސަލަ އެތައް ދުވަހެއްގެ މަސައްކަތުން ސެމްސަންގުން މިހާރު ވެސް ހައްލުކޮށް، ފޯނު ވަނީ ވަރަށް ރަނގަޅަށް ޓެސްޓްކޮށްފަ އެވެ. ދެކުނު ކޮރެއާގެ ސެމްސަންގެ އޮފިޝަލުންނާ ހަވާލާދީ ގިނަ މީޑިއާތަކުން ބުނީ ފަތްޖެހި ފޯނު ސެޕްޓެމްބަރުގެ ކުރީކޮޅު އާންމުކޮށް ބާޒާރަށް ނެރޭނެ ކަމަށެވެ. މި ފޯނުގެ އެންމެ ހާއްސަ ސިފައަކީ 4.6 އިންޗީގެ ފޯނު އެއްކޮށް ހުޅުވައިލުމުން 7.3 އިންޗީގެ ޓެބްލެޓަކަށް ބަދަލުވުމެވެ.

ޗައިނާގެ ވާވޭ އިން ވެސް އެ ކުންފުނީގެ ފަތްޖެހި ފޯނު "މޭޓް އެކްސް" ސެޕްޓެމްބަރުގެ ތެރޭގައި ނެރެން ނިންމާފައިވާތީ، ސެމްސަންގްގެ ފޯނު އެ ކުންފުންޏަށް ވުރެ މާ ކުރިން ބާޒާރަށް އަށް ނުކުންނާނެ އެވެ. ސެމްސަންގަކީ ފަތްޖެހި ފޯނު ތައްޔާރުކޮށް، އެންމެ ފުރަތަމަ ދައްކައިލި ކުންފުނި ވެސް މެ އެވެ. އެ ފޯނުގެ ސާމްޕަލް ދައްކައިލީ މިިދިޔަ ފެބްރުއަރީ މަހުގެ 20 ގަ އެވެ. އަދި ކުރިން އޮތީ އެޕްރީލް މަހުގެ 26 ގައި ފޯނު ރަސްމީކޮށް ނެރެ، ވިއްކަން ފަށާށެވެ.

އެކަމަކު ގެލެކްސީ އެފްގެ ޓެކްނިކަލް މައްސަލަތަކާ ގުޅޭ ގޮތުން މީޑިއާތަކުގައި ދައުރުވި ރިވިއުތަކާ ގުޅިގެން ފޯނު ނެރުން މަޑުޖައްސާލައި، ކުރިން ނަގާފައި ހުރި އޯޑަރުތައް ވެސް ކެންސަލް، އޯޑަރު ނެގުން ވެސް ހުއްޓާލި އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ފަށްޖެހި ފޯނު ސެޕްޓެމްބަރުގައި ނެރޭ އިރު، އަންނަ މަހުގެ 7 ގައި ބާއްވާ ސެމްސަންގެ ބޮޑު އިވެންޓްގެ ތެރޭގައި ފޯލްޑް ދައްކައިލުމުގެ ފުރުސަތު ވެސް ބޮޑެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން އެ ކުންފުނިން ވަކި އެއްޗެއް ނުބުނެ އެވެ. އަންނަ މަހު ބާއްވާ އިވެންޓްގެ އެންމެ ހާއްސަ އެއް ކަމަކަށް ވާނީ ގެލެކްސީ ނޯޓް 10 އާންމު ކުރުމެވެ.