މީޑިއާނެޓްގެ ޑައުންލިންކް ސިގްނަލް މައްސަލަތަކެއް ދިމާވެއްޖެ

މީޑިއާނެޓްގެ ޑައުންލިންކް ސިގްނަލްގެ މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.


މީޑިއާނެޓުން ބުނީ، ޑައުންލިންކް ސިގްނަލަށް ދިމާވާ އިންޓަފެރަންސެއްގެ ސަބަބުން އެކި ޗެނަލްތައް ފެނުމުގައި ދަތިކަމެއް އުޅޭކަން ފާހަގަކުރެވިފައި ވާތީ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ވެސް ސިގްނަލް ލިބުމުގެ މައްސަލަ މީޑިއާނެޓަށް ކުރިމަތިވި އެވެ. އެކަމަކު، އެ މައްސަލަ މާ ގިނަ ދުވަހެއް ނުވެ ވަނީ ހައްލުކޮށްފަ އެވެ.

މީޑިއާނެޓުން ރާއްޖޭގައި ހިދުމަތް ދޭން ފެށީ 2005 ވަނަ އަހަރު އެވެ. މީޑިއާނެޓުން އަންނަނީ އެޗްޑީ 85 ޗެނަލް އާއި އެސްޑީ 95 ޗެނަލްގެ ހިދުމަތްދެމުންނެވެ. އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެވެ.