ޓޫރިޒަމްގެ ބޭނުމަށް 11 ރަށަކުން ބިން ދޫކުރަން ނިންމައިފި

ޓޫރިޒަމްގެ ބޭނުމަށް 11 ރަށަކުން ބިން ދޫކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިއުލާން ކުރައްވައިފި އެވެ.


ކުރިއަށް ފަސް އަހަރަށް އެކުލަވައިލާ ޓޫރިޒަމް ދާއިރާގެ މާސްޓާ ޕްލޭންގެ މަސައްކަތް އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރުމަށް ނިންމާފައި ވަނީ ބީލަމުގެ އުސޫލުން ކަމަށެވެ.

"ރަށު ފަތުރުވެރިކަން" ތަރައްގީ ކުރުމަށް ބިން ދޫކުރުމަށް ނިންމި ރަށްތަކުގެ ތެރޭގައި ހއ. ފިއްލަދޫ އިން ދައްޕަރު ސަރަހައްދާއި ހއ. އުލިގަމާއި ހއ. ކެލާގެ އިތުރުން އައްޑޫގެ ހަ ރަށަކުންންނާއި ލ. ގަމާއި ފުވައްމުލަކު ތުނޑި ސަރަހައްދު ހިމެނެ އެވެ.

"މިއީ ވެސް އަޅުގަނޑުމެންގެ ގައުމީ ތަރައްގީ އަށް މުހިއްމު މަސައްކަތަކަށް ވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޓޫރިޒަމް ސިނާއަތު ފުޅާ ކުރާ އިރު ދިވެހިންގެ ސަގާފަތާއި ފަންނީ މަސައްކަތްތަކާއި ހާއްސަ ހުނަރުތައް އެ ދާއިރާ އިން ގުޅައިލަން ޖެހެ އެވެ. އެއާ އެކު، ޓޫރިޒަމްގެ ދާއިރާ ކުރި އެރުވުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އަށް ބަލާ އިރު ޓޫރިޒަމްގެ ދާއިރާގައި ބޭނުން ކުރެވޭ ސަރަހައްދަށް ވުރެ އަދިވެސް ބޮޑީ ބޭނުން ނުކުރާ ސަރަހައްދު ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ކަނޑޫފާތަކާއި ކުޅިތަކާއި ޗަސް ބިންފަދަ ތަންތަނަކީ މި ރާއްޖޭގެ ގުދުރަތީ ތަރިކަ. އެފަދަ ތަންތަން ސަރުކާރުން ހިމާޔަތް ކުރާނީ އެފަދަ ތަންތަނުން ލިބެން އޮތް އެންމެ ބޮޑު މަންފާއެއް ވެސް ލިބޭ ގޮތަށް،" އެމަނިކުފާނު ވިދާޅުވި އެވެ.