އުރީދޫން ކުޑަކުދިންގެ ހިޔާ އަށް ޕެޓް ކޭޖުތަކެއް ހަދިޔާކޮށްފި

އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ކުޑަކުދިންގެ ހިޔާ އަށް ޕެޓް ކޭޖުތަކެއް ހަދިޔާކޮށްފި އެވެ.


އިއްޔެ ހަވީރު އުރީދޫން ކުޑަކުދިންގެ ހިޔާއަށް ގޮސްފައިވާ އިރު، މި ދަތުރުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވެސް ބައިވެރިވެ ވަޑައިގަތެވެ. ކުޑަކުދިންގެ ހިޔާ އަށް ޕެޓް ކޭޖުތައް ހަދިޔާ ކުރީ، އެތާނގައި ދިރިއުޅޭ ކުދިންގެ ހާއްސަ އެދުމެއްގެ މަތިންނެވެ.

މި ކޭޖުތަކާ އެކު ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިިންނަށް މުސަޅާއި ކުކުޅު ފަދަ ތަކެތި ގެންގުޅެވޭނެ އެވެ. އިއްޔެގެ ދަތުރުގައި ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް ވެސް އުރީދޫން ދީފައިވެ އެވެ.

އުރީދޫން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ކޭޖުތައް ހަވާލު ކުރަނީ--- ފޮޓޯ: އުރީދޫ

އުރީދު އަށް 14 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްފައިވެ އެވެ. އެގޮތުން އިއްޔެ ރޭ ވަނީ ވެމްކޯގެ މަސައްކަތު މީހުންނަށް ހާއްސަ ކެއުމެއް ދީފަ އެވެ. މި ކެއުމުގައި އުރީދޫގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

އޭގެ އިތުރުން އުރީދޫން ވަނީ އެކި ރަށްރަށުގެ ސްކޫލުތަކަށް ޒިޔާރަތްކޮށް ގުރުއާން މުސްހަފާއި ނަމާދު ކުރާ މުސައްލަ ވެސް ހަދިޔާކޮށްފަ އެވެ. މި ހަރަކާތް އަންނަ ހަފްތާއަށް ކުރިއަށް ގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫން ރާއްޖޭގެ މުވާސަލާތީ ހިދުމަތުގެ ތެރެއަށް ވަނީ އޮގަސްޓް 1، 2005 ގަ އެވެ. އެ ކުންފުނި އެންމެ ފުރަތަމަ ފެށީ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ނަމުގަ އެވެ. އަދި އޮކްޓޫބަރު، 2016 ގައި އުރީދު އަށް ރީބްރޭންޑް ކުރި އެވެ.