ޓެކުހަށް އަހުލުވެރިކުރަން އޯޕަން ޑޭއެއް ބާއްވައިފި

މީރާ އިން ކުރިއަށް ގެންދާ "ޓެކްސް ވީކް" ގައި އާންމުން ޓެކުހަށް އަހުލުވެރިކުރުވުމުގެ ގޮތުން އޯޕަން ޑޭ އެއް ބާއްވައިފި އެވެ.


މި ހަރަކާތް ބޭއްވީ އިއްޔެ ހެނދުނު 9:00 އިން ހަވީރު 4:00 ގެ ނިޔަލަށެވެ. މި ހަރަކާތުގައި މީރާ އިން ފޯރުކޮށްދޭ ހިދުމަތްތަކާއި މީރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފަ އެވެ.

މީރާ އިން ބުނީ މިއީ އާންމުންނަށާއި އެ ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އެގޮތުން މީރާގެ އެކި ޑިޕާޓްމަންޓުތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި ކިޔަވާފައިވާ ދާއިރާ އިން ލިބެން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށް މީރާ އިން ބުންޏެވެ. މީގެ އިތުރުން ޑިޕާޓްމަންޓުތަކަށް ޒިޔާރަތްކޮށް ސުވާލު ކުރުމުގެ ފުރުސަތު ވެސް ދިނެވެ.

މީރާ އިން ބުނީ އޯޕަން ޑޭގައި ބައިވެރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ތިން ފަރާތަކަށް 500ރ. އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީރާގެ އޯޕަން ޑޭ އަށް އާންމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.