ކްލިކް ކޮލެޖުން ސެގީ ޔުނިވާސިޓީގެ ހަތަރު ކޯހެއް ރާއްޖެއަށް ތައާރަފްކޮށްފި

މެލޭޝިޔާގެ ސެގީ ޔުނިވާސިޓީގެ ހަތަރު ޕްރޮގްރާމެއް، ކްލިކް ކޮލެޖުން ރޭ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.


ބަނޑޮސް ރިސޯޓުގައި ބޭއްވިި ހަފުލާގައި، ބެޗެލާ އޮފް ބިޒްނަސް މެނޭޖްމަންޓް - ޖެނެރަލް މެނޭޖްމަންޓް، ބެޗެލާ އޮފް ބިޒްނަސް މެނޭޖްމަންޓް - މާކެޓިން، ބެޗެލާ އޮފް ބިޒްނަސް މެނޭޖްމަންޓް - ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން- ޖެނެރަލް މެނޭޖްމަންޓް ޕްރޮގްރާމް ލޯންޗުކޮށްދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

އަންނަ މަހު ފަށަން ހަމަޖައްސާފައިވާ އެ ކޯސްތަކުގެ ތެރެއިން، ޑިގްރީ ކޯހުގެ މުއްދަތަކީ ތިން އަހަރެވެ. މާސްޓާސް ޕްރޮގްރާމު ފުރިހަމަކުރެވޭނީ ދޮޅު އަހަރުންނެވެ. އެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ސެގީ ޔުނިވާސިޓީގެ ހަތަރު ކޯހެއް ތައާރަފްކުރަން ބަނޑޮސް ރިސޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން .-- ފޮޓޯ: ކްލިކް ކޮލެޖު

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ގިނަ ދަރިވަރުންނަށް މަތީ ތައުލީމް ފޯރުކޮށްދިނުން ކަމަށެވެ. އެކަމަށް އެހީތެރިވެ، ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތައުލީމެއް ފޯރުކޮށްދެމުން އަންނާތީ އޭނާ ވަނީ ކްލިކް ކޮލެޖަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސެގީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސާ ޕެޓްރިކް ކީ ޕެންގް ކޮންގް ވިދާޅުވީ ކްލިކް ކޮލެޖާ ގުޅިގެން އެ ޔުނިވާސިޓީގެ ކޯސްތައް ފެށިގެން ދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އެތަނުގެ އަމާޒަކީ މުޖުތަމައުއަށް ބޭނުންވާ ލީޑަރުން އުފައްދައި، ދަރިވަރުން ކިޔެވުމަށް ރަނގަޅު މާހައުލެއް އުފައްދައިދިނުން ކަމަށް ވިދާޅުވި އެވެ.

ސެގީ ޔުނިވާސިޓީގެ ހަތަރު ކޯހެއް ތައާރަފްކުރަން ބަނޑޮސް ރިސޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ކްލިކް ކޮލެޖުގެ ރައީސް ޑރ. ނައުޝާދު (ވ) އަދި ސެގީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޕްރޮފެސަރު ޕެޓްރިކް ކީ ޕެންގް ކޮންގް އެއްބަސްވުން ބަދަލުކޮށް ސަލާމްކުރައްވަނީ.-- ފޮޓޯ: ކްލިކް ކޮލެޖު

ކްލިކްގެ ނައިބު ރައީސް ހަސަން އަބްދުﷲ ސައީދު ވިދާޅުވީ ބޭރުގެ އެހެން ކޯސްތަކަށް ވުރެ، ސެގީ ޔުނިވާސިޓީގެ ކޯސްތަކަށް ކުރާ ހަރަދު 50 ޕަސެންޓް ކުޑަވާނެ ކަމަށެވެ.

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ވެސް އަދި ކްލިކްގެ ލޯން ސްކީމާއި ސްކޮލަޝިޕްގެ ދަށުން ވެސް ދަރިވަރުންނަށް އެ ކޯސްތަކުގައި ކިޔެވޭނެ އެވެ.

މީގެ 42 އަހަރު ކުރިން އުފެއްދި ސެގީ ޔުނިވާސިޓީގައި 25،000 ދަރިވަރުން އަންނަނީ ކިޔަވަމުުންނެވެ. މައިގަނޑު ފަސް ރޮނގަކުން މަތީ ތައުލީމް ފޯރުކޮށްދިނުމަށް އެ ޔުނިވާސިޓީގެ އެކި ކެމްޕަސްތައް ދުނިޔޭގެ އެކި ގައުމުތަކުގައި ގާއިމްކޮށްފައި ވެ އެވެ.