މައުލޫމާތު ދީގެން ދެން ދައުވާއެއް ނުކުރެވޭނެ: ބީއެމްއެލް

ސިވިލް ކޯޓުން މިއަދު އިއްވި ހުކުމަށް ފަހު ތަހުގީގީ އިދާރާތަކަށް ދޭ މައުލޫމާތާ ގުޅިގެން ބޭންކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ބީއެމްއެލުން ބުނެފި އެވެ.


މިއަދު މެންދުރު ބިއެމްއެލްއާ ދެކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ތަހުގީގުކުރުމުގެ ގާނޫނީ ބާރު ދީފައިވާ އިދާރާތަކުން ބޭނުންވާ މައުލޫމާތު އެ ތަނަކުން ލިޔުމުން އެދުމުން، ކޯޓު އަމުރެއް ނެތަސް ދޭންޖެހޭނެ ކަމަށެވެ. މިއީ ތަހުގީގުތަކަށް މައުލޫމާތު ދޭންޖެހެނީ ކޯޓު އަމުރެއް އޮވެގެން ކަމަށް ކަނޑައަޅައި ދިނުމަށް އެދި ބީއެމްއެލުން ހުށަހަޅާފައިވާ ދައުވާއާ ގުޅިގެން ސިވިލް ކޯޓުގެ ނިންމުމެވެ.

މީގެ އިތުރުން ތަހުގީގީ އިދާރާތަކަށް، މައުލޫމާތެއް ނުދީގެން ބޭންކްގެ އެއްވެސް މުވައްޒަފަކާ ދެކޮޅަށް ފިޔަވަޅު ނޭޅޭނެ ކަމުގެ ވަގުތީ އަމުރަކަށް ވެސް ބޭންކުން ވަނީ އެދިފަ އެވެ. ނަމަވެސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ބީއެމްއެލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މައްސަލަ ހުށަހެޅި ބޭނުން ހާސިލްވި ކަމަށެވެ. އެގޮތުން ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލު ކުރުމުން ބޭންކާއި ބޭންކުގެ މުވައްޒަފުންނާ މެދު އެއްވެސް ފަރާތަކަށް ޝަރުއީ މައްސަލައެއް ހުށަނޭޅޭނެ ކަމަށް ބޭންކުން ބުންޏެވެ. އަދި މި ހުކުމް އިސްތިއުނާފް ކުރުމަށް އިތުރު ކޯޓެއްގައި އެދެން ބޭނުން ނުވާ ކަމަށް ވެސް ބީއެމްއެލުން ވަނީ ބުނެފަ އެވެ.

ބީއެމްއެލުން އެ ބޭންކުގެ އެކައުންޓްތަކުގެ މައުލޫމާތު ހިއްސާ ނުކުރުމަށް ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެންނެވެ. ނަމަވެސް އެ ހުކުމުގައި ބުނެފައިވަނީ ތަހުގީގީ އިދާރާތަކަށް މައުލޫމާތު ދިނުމާ ބެހޭ ވާހަކަ ނޫން ކަމަށް މިއަދު ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.