ޑިޖިޓަލް ޖަޒީރާ ރާއްޖެ އަށް ދެވޭނީ އިންޓަނެޓް އަގުހެޔޮވެގެން: ރައީސް

ރައްޔިތުން ބޭނުންވާ ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް މި ރާއްޖެ ހެދޭނީ އިންޓަނެޓް އަގުހެޔޮ ކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.


ރައީސް މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ އުރީދޫގެ އީ ކޮމާސް ޕްލެޓް ފޯމް "މޫލީ" ތައާރަފް ކުރުމުގެ ރަސްމިއްޔާތުގަ އެވެ. އެމަނިކުފާނު ވިދާޅުވީ މި ޒަމާނުގައި އިންޓަނެޓާއި ޓެކްނޮލޮޖީއަކީ އަސާސީ ހިދުމަތެއް ކަމަށެވެ. އެއާ ނުލާ މިހާރު ދިރި ނޫޅެވޭއިރު ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ރާއްޖެ ހެދުމަށް އިންޓަނެޓް އަގުހެޔޮ ވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރަށް ވިސްނާ ނަމަ އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަކީ އޭގެ ޒާތުގައި ވެސް އަސާސީ ހިދުމަތެއް. އެއާ ނުލާ ދިރިނޫޅެވޭ ވަރަށް ޒުވާނުންނާ ގުޅިފައިވާ އެއްޗެއް. އެހެންވީމާ އިންޓަނެޓްގެ އަގުތައް އަތްފޯރާ ފަށަށް ތިރިކޮށްގެން ނޫނީ އަޅުގަނޑުމެން މި ދާން ބޭނުންވާ ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރި އަތެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް ޓެކްނޮލޮޖީއަކީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި މުހިންމު ރޯލެއް އަދާކުރާ އެއްޗެއް ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގައި މި ޓެކްނޮލޮޖީގެ ބޭނުން ހިފާ މިންވަރު ބޮޑުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއީ އިންސާނުން ބިނާކުރުމަށް މުހިންމު ހިދުމަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހިން ޑިޖިޓަލް ވައްޓަފާޅިއަކަށް ބަދަލުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަށުގައި ތިބެގެން ދުނިޔޭގެ ބާޒާރުގައި ޓޫރިޒަމް ވިއްކުމަށް ޕޯޓަލްތަކާއި މަސްވެރިކަމާއި ބޭންކުގެ ހިދުމަތްތަކާއި ޓެކްސީގެ ހިދުމަތްތަކުގެ އިތުރުން އޮފީސްތަކާއި ކުންފުނިތަކުގެ ހިދުމަތްތައް ވެސް މިއަދު ޑިޖިޓަލް ވަމުން އަންނަ ކަމަށެވެ. މި ހުރިހާ ކަމެއްގެ ވެސް އެންމެ މުހިންމު އެއްޗަކީ މި ޒަމާނުގައި އިންޓަނެޓް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އިންޓަނެޓްގެ އަގު ހެޔޮ ނުކޮށް ޓެކްނޮލޮޖީން ފައިދާ ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މީގެ އެތައް އަހަރެއް ކުރިން ދިރިއުޅުމުގެ ޑިޖިޓަލް ވައްޓަފާޅިއަކަށް ދިވެހިން ބަދަލުވާން ފަށައިިފި. ސްކޫލް މަދުރަސާތަކުގައި ކިޔަވައިދިނުމަށް ޑިޖިޓަލް ކްލާސްރޫމްތައް ބޭނުންކުރަން ފަށައިފި،" ރައީސް ވިދާޅުވި އެވެ. "އަމިއްލަ ރަށުގައި ތިބެގެން ދުނިޔޭގެ ބާޒާރުގައި ރަށު ފަތުރުވެރިކަން ވިއްކުމަށް އައިލެންޑް.އެމްވީގެ ނަމުގައި ވެބް ޕޯޓަލް އެއްވެސް ތައާރަފްކުރެވިއްޖެ. ދިވެހި މަސްވެރިންނަށްޓަކައި މަސްދޯނި އެކައުންޓް ތައާރަފް ކުރެވިއްޖެ. މިފަދަ އަސާސީ އެތައް ހިދުމަތެއް އަތުގެ އިނގިލި ކުރިއާ ހަމަޔަށް ގެނެވިދާނެ. ނަމަވެސް ޑިޖިޓަލް ޓެކްނޮލޮޖީގެ ފުރާނައަކީ އިންޓަނެޓް."

ރާއްޖޭގެ އިންޓަނެޓް އަގުހެޔޮ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން މިހާރު އެ ވައުދު ފުއްދުމަށްޓަކައި ޓެލެކޮމިއުނިކޭޝަންސް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.