ހަފުލާތަކާއި އިވެންޓްތަކަށް އައްޑޫ ނޭޗާ ޕާކް ކުއްޔަށް ދޫކުރަނީ

އިކޯ ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫ ހިތަދޫގައި ތަރައްގީކޮށްފައިވާ ނޭޗާ ޕާކް އެކި ކަހަލަ ހަފުލާތަކާއި އެ ނޫން ވެސް އިވެންޓްތަކަށް ކުއްޔަށް ދޫކުރަން ފަށައިފި އެވެ.


ހިތަދޫގައި ގުދުރަތީ އެތައް މުއްސަނދި ކަމެއް ލިބިފައިވާ އަދި ހިމާޔަތްކޮށްފައިވާ އީދިގަލި ކުޅި އާއި ކޯއްޓޭ ވެސް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ ނޭޗާ ޕާކް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުވި ފަހުން އެކިއެކި ހަފުލާތަކާއި އިވެންޓްތައް ބާއްވަން އަންނަނީ ކުއްޔަށް ދެމުންނެވެ.

އެގޮތުން މި ހަފުތާގައި ފުރަތަމަ ފަހަރަށް ނޭޗާ ޕާކްގައި ވަނީ ކައިވެނި ޕާޓީއެއް ވެސް ބާއްވައިފަ އެވެ.

ޕާޓީތަކަށް ނޭޗާ ޕާކްގެ ވިޒިޓާޒް ސެންޓަރު ކުއްޔަށް ދޭ އަގުތަކަށް ބަލާ އިރު، އަގުތައް އުޅެނީ 10،000ރ. އަށް ވުރެ މަތި ނުވާ ގޮތަށެވެ. އަދި އެ ނޫން އެކިއެކި ކުދި އިވެންޓްތަކަށް ނޭޗާ ޕާކްގެ ވޯކްޝޮޕް އޭރިއާ ކުއްޔަށް ދޫކުރަނީ ގަޑިއަކަށް 1،250ރ. އަށެވެ.

ނޭޗާ ޕާކްގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު އަފާއު ވިދާޅުވީ އިވެންޓްތައް ބާއްވަން ލިބޭ ތަރުހީބު މިހާރު ބޮޑުވަމުން އަންނަ ކަމަށެވެ.

"ތަރުހީބު ހަމަ ވަރަށް ރަނގަޅޭ ބުނެވޭނީ. އެކި ކަހަލަ ޕާޓީތަކާއި އެކިއެކި އިވެންޓްތަކަށް މި ތަނުން އަބަދު ވެސް މަރުހަބާ ކިޔާނެ،" އޭނާ ވިދާޅުވި އެވެ. "މީގެ ބޭނުމަކީ ހިތްހަމަޖެހޭ ކަހަލަ މާހައުލެއްގައި ހަފުލާތައް ބާއްވަން ފުރުސަތު ފަހިކޮށް ދިނުން."

ނޭޗާ ޕާކްގައި ހަފުލާތައް ބާއްވަން ޝައުގުވެރިވާ މީހުންނަށް އެތަނުން ފޯމު ދޫކުރާނެ އެވެ.

"ފޯމް ފިލްކޮށްލީމަ ތަން ހަމަޖެހިގެން ދާނެ. ދެން އެ ހަފުލާއެއް ބާއްވާ ބަޔަކަށް މިތަނުން ޓައިމް ދޭނެ ތަން ރެޑީކޮށް ޒީނަތްތެރި ކުރަން،" އަފާއު ވިދާޅުވި އެވެ.

މިހާރު ހޮސްޕިޓަލަކަށް ބަދަލުކޮށް ހުޅުވަން ތައްޔާރުވަމުން އަންނަ ކުރީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ވެސް ބޭނުން ކުރަން ފެށިތާ ކުރީކޮޅު އެކިއެކި ހަފުލާތަކާއި އިވެންޓްތައް ބާއްވަން ކުއްޔަށް ދޫކޮށްފައިވެ އެވެ.