އެންމެ ގިނަ ބަޔަކު ބޭސްފަރުވާ އަށް، މަންޒިލަކީ އިންޑިއާ

މިދިޔަ އަހަރުގެ އޯފް-ޕީކް ސީޒަންގައި 42 ޕަސެންޓް މީހުން ބޭސްފަރުވާ އަށް ދިޔަ އިރު ޕީކް ސީޒަންގައި ވެސް ބޭސްފަރުވާ އަށް 41 ޕަސެންޓް ދަތުރު ކުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސާވޭ އިން ދައްކައިފި އެވެ.


ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދަތަކާ ގުޅޭ ގޮތުން ކޮށްފައިވާ މި ސާވޭ އިން ދައްކާ ގޮތުން އެންމެ ގިނަ ދިވެހިން ދަތުރު ކުރަނީ، ބޭސްފަރުވާ އާއި ޗުއްޓީ ހޭދަކުރުމަށެވެ. ޕީކް ސީޒަންގައި ޗުއްޓީ އަށް 41 ޕަސެންޓް ދިޔަ އިރު އަހަރުގެ މެދުތެރޭގައި އަންނަ އޯފް-ޕީކް ސީޒަންގައި ޗުއްޓީ އަށް ދިޔައީ 29 ޕަސެންޓެވެ.

މި ސާވޭ އިން ދެއްކި ގޮތުން ޗުއްޓީ އަށް ދިޔަ ދިވެހިންގެ އަދަދު އޯޕް-ޕީކް ސީޒަންގައި މަދުވި އިރު ވިޔަފާރި ބޭނުމަށާއި ރަސްމީ ބޭނުންތަކުގައި ދަތުރު ކުރި މީހުން، މި މުއްދަތުގައި އިތުރެވެ.

ދަތުރު ކުރި ގައުމުތައް

އެމްއެމްއޭގެ ސާވޭ އިން ދެއްކި ގޮތުން ދިވެހިން އަދިވެސް އެންމެ ގިނައިން ދަތުރު ކުރަނީ އިންޑިއާއަށެވެ. އެގޮތުން އޯފް-ޕީކް ސީޒަންގައި 32 ޕަސެންޓް މީހުން އިންޑިޔާ އަށް ދިޔަ އިރު ޕީކް ސީޒަންގައި 34 ޕަސެންޓް މީހުން އެ ގައުމަށް ދަތުރު ކުރި އެވެ.

އިންޑިއާ އަކީ ބޭސްފަރުވާ އަށް ގިނަ ބަޔަކު ދާ ގައުމަކަށްވާ އިރު ތައުލީމު ހާސިލުކުރުމަށް ވެސް ގިނަ ކުދިން ގޮސް އުޅޭ ގައުމެކެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން ދަތުރު ކުރީ ސްރީ ލަންކާއަށެވެ. އޯފް-ޕީކް ސީޒަންގައި އެ ގައުމަށް 31 ޕަސެންޓް މީހުން ދަތުރު ކުރި އިރު ޕީކް ސީޒަންގައި 29 ޕަސެންޓް މީހުން ލަންކާ އަށް ދިޔަ އެވެ.

ތިން ވަނަ އަށް އެންމެ ގިނަ ބަޔަކު ދަތުރު ކުރީ މެލޭޝިޔާއަށެވެ. އެ ގައުމަށް އޯފް-ޕީކް ސީޒަންގައި 12 ޕަސެންޓް މީހުން ދަތުރު ކުރި އިރު ޕީކް ސީޒަންގައި 11 ޕަސެންޓް މީހުން ދަތުރު ކުރި އެވެ. މީގެ އިތުރުން ތައިލެންޑާއި ސިންގަޕޫރަށް ވެސް ގިނަ ބަޔަކު ދަތުރު ކުރި އެވެ.

ދިވެހިން ބޭރު ގައުމުތަކަށް ބޭސްފަރުވާ އަށް ނަމަ އޯފް-ޕީކް ސީޒަންގައި 11 ދުވަސް ހޭދަކުރާ އިރު ޕީކް ސީޒަންގައި 14 ދުވަސް ހޭދަކުރެ އެވެ. ޗުއްޓީއަށް ދާ ދިވެހިން އޯޕް-ޕީކްގައި 10 ދުވަސް ހޭދަކުރާ އިރު ޕީކް ސީޒަންގައި 12 ދުވަސް ހޭދަކުރެ އެވެ.

އެމްއެމްއޭ އިން މި ސާވޭ ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ ޖުލައި މަހާއި ޑިސެމްބަރު މަހު އެވެ. މި ސާވޭ ކޮށްފައިވަނީ ދަތުރުވެރިންނާ ސުވާލުކޮށް، އޮންލައިންކޮށް ފޯމެއް ފުރައިގެންނެވެ.

ޕީކް-ސީޒަންގައި ސާވޭކުރި ހަފްތާގައި 6،500 މީހުން ދަތުރު ކުރި އިރު 4،300 މީހުން ސާވޭގައި ބައިވެރިވި އެވެ. އަދި އޯފް-ޕީކް ސީޒަންގައި ސާވޭކުރި ހަފްތާގައި 3،500 މީހުން ދަތުރު ކުރި އިރު އޭގެ ތެރެއިން 2،000 މީހުންނާ ސުވާލު ކުރި އެވެ.