24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އައްޑޫގެ ދެ ރެސްޓޯރަންޓަކަށް ދީފި

އައްޑޫގެ ދެ ރެސްޓޯރަންޓަކަށް، 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދީފި އެވެ.


އައްޑޫން ހުއްދަ ދިން ދެ ތަނަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކައިރީ ހިންގާ ހޮޓް ބޮކްސް ކެފޭ އާއި ފޭދޫ ބަނދަރު ސަރަހައްދުގައި ހުންނަ 3 އެސް ލައުންޖެވެ.

މިއީ އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު ދެ އަވަށުގައި ހިންގާ ދެ ތަނެކެވެ.

އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައި، އެ ހުއްދަ އަށް އެދުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ހަ ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ.

ހިތަދޫން ކަނޑައެޅި ސަރަހައްދުތަކަކީ ބަނދަރާއި ޒިޔާރަތްފަންނުގެ އިތުރުން ހޮސްޕިޓަލް ހުރި ސަރަހައްދެވެ. މަރަދޫގައި ކަނޑައެޅީ ބަނދަރާއި ސިއްހީ މަރުކަޒު ސަރަހައްދެވެ.

ހިތަދޫގައި ހިންގާ "ހޮޓް ބޮކްސް".

މަރަދޫފޭދޫން ހާއްސަކުރީ ބަނދަރު ސަރަހައްދެވެ. އަދި ފޭދޫން ބަނދަރާއި ސިއްހީ މަރުކަޒު ސަރަހައްދު ހަމަޖައްސާފައިވާ އިރު ހުޅުދޫގައި ހަމަޖެއްސީ ބަނދަރާއި ހެރަތެރަ ޗެނަލް ސަރަހައްދެވެ. މީދޫގައި ހަމަޖެއްސީ ބަނދަރުގެ އިތުރުން ސިއްހީ މަރުކަޒާއި މެދު ބަނދަރު ސަރަހައްދެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެނީ އެކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ތަންތަނަށެވެ.