ރިސޯޓު ހެދުމުގެ މުއްދަތު އިތުރުކޮށްދޭން 21 ރަށަކުން ވަނީ އެދިފައި

ރިސޯޓުގެ ގޮތުގައި ހެދުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ކުރިއަށް ނުދާ 21 ރަށަކުން މުއްދަތު އިތުރު ކުރުމަށް އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު މިއަދު ވިދާޅުވީ، ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރި ރަށްތަކުގެ ތެރެއިން 70 ރަށެއްގެ މަސައްކަތް ކުރިއަށް ނުދާ އިރު މުއްދަތު އިތުރު ކުރުމަށް އެދުނު ރަށްތަކާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

"ބާކީ ހުރި ރަށްތަކާ ގުޅޭ ގޮތުން ކޮންމެ ރަށެއް ސްޓަޑީ ކޮށްފަ ގާނޫނީ ގޮތުން ކުރިއަށްދާނެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވެފައި ވަނީ، މަސައްކަތް ކުރިއަށް ނުދާ ރަށްތަކުގެ ތެރޭގައި މީގެ 10 އަަހަރު ކުރިން ދޫކުރި ބައެއް ރަށްރަށް ވެސް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ރިސޯޓް ނުހެދި ހުއްޓިފައިވާ ރަށްތައް ތަރައްގީކުރަން ގާނޫނީ ގޮތުން ކުރަން ހުރި ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ކުރާނެ އެވެ. އަދި ރައްޔިތުންގެ ރަށްތައް ނަގައިގެން ތަރައްގީ ނުކޮށް ތިބުމުގެ ފުރުސަތު މި ސަރުކާރުން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަމުންދާ 140 ރަށް އޮތް އިރު ގާތްގަނޑަކަށް 150 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ.