މަސް ގަނެ ބޭރު ކުރަން އިތުރު ކުންފުނިތަކަށް ފުރުސަތު ދެނީ

މަސްވެރިންނަށް ހަމަ އަގު ދިނުމަށްޓަކައި މަސް ގަނެ ބޭރުކުރުމުގެ ފުރުސަތު އިތުރު ކުންފުނިތަކަށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފި އެވެ.


ފިޝަރީސް މިނިސްޓްރީގައި މިއަދު ބޭއްވި "ނުވަގަޑި-މީޑިޔާއާ އެކު" އިވެންޓުގައި އެ މިނިސްޓްރީގެ ޑިރެކްޓަރު އާދަމް ޒިޔާދު ވިދާޅުވީ، ހަމަ އަގު މަސްވެރިންނަށް ހޯދައިދިނުމަށްޓަކައި، އިތުރު ކުންފުނިތަކަށް މަސް ބޭރަށް ވިއްކާނެ ގޮތްތައް ފަހި ކޮށްދޭނެ ކަމަށެވެ. މަސްވެރިން ބާނާ މަސް ރަނގަޅު އަގެއްގައި ނުވިއްކޭ އެއް ސަބަބަކީ، އެމީހުން ބާނާ މަސް ވިއްކޭނެ މާގިނަ ގޮތްތައް ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހުއްދަ ދީފައިވަނީ ހަތަރު ކުންފުންޏަށް. އެކަމަކު އޭގެތެރެއިން ވެސް ހަމައެކަނި ޚިދުމަތްދެނީ އެންމެ ކުންފުންޏަކުން،" އޭނާ ވިދާޅުވި އެވެ.

މަސް ވިއްކުމަށް ކުންފުނިތައް ކަނޑައެޅީ 2000 ވަނަ އަހަރުގެ ކުރީ ކޮޅު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގަ އެވެ. އޭރުގެ ސަރުކާރުން މަސް ވިއްކުމަށް ހަތަރު ކުންފުންޏެއް ނެގީ ބިޑްގެ އުސޫލުންނެވެ. އެންމެ ފުރަތަމަ ހުއްދަދީފައި ވަނީ އައިލެންޑް އެންޓަޕްރަނާސް އާއި ޖައުޒާ ފިޝަރީސް އާއި ފުނައްޑޫ އާއި ހޮރައިޒަން ފިޝަރީސް އަށެވެ. މި ކުންފުނިތަކުގެ ތެރެއިން ހަމައެކަނި މަސް ގަންނަނީ ހޮރައިޒަން ފިޝަރީސް އިން އެކަންޏެވެ.

މަސްވެރިންނަށް ހަމަ އަގު ލިބޭނެ ގޮތް ހެދުމަކީ މިސަރުކާރުގެ ވައުދެކެވެ. މާޗު މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ނ. އަތޮޅަށް ކުރެއްވި ދަތުރުގައި ރައީސް ވަނީ މި އަހަރު ނިމުމުގެ ކުރިން މަސްވެރިންނަށް ހަމަ އަގު ލިބެން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.