އެސްއެމްއީތަކަށް 350 މިލިއަން ރުފިޔާ ކަނޑައަޅައިފި

ސަރުކާރުން ބަޖެޓަށް އިތުރު ކުރި 1.7 ބިލިއަން ރުފިޔާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި 350 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.


ބަޖެޓް ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް އިތުރު ކުރުމަށް ހުށަހެޅި ބަޖެޓުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑު އަދަދެއް ދިނުމުގެ ބޭނުމަކީ، މި ވިޔަފާރިތައް ކުރިއަރުވައި ތަރައްގީ ކުރުން ކަމަށެވެ.

"މިކަމުން ދިވެހި އުފެއްދުންތެރިކަން އިތުރުކުރުން. އަދި އިގްތިސާދީ ކުރިއެރުވުމުގައި ދިވެހި ވިޔަފާރިތަކުގެ ހިއްސާ އިތުރު ކުތުން،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، އަލަށް ހުށަހެޅި ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 189.4 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ. މީގެ ތެރެއިން 130 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވަނީ އެމްޑަބްލިއުއެސްސީއަށެވެ.

"މިއީ ކުރީ ސަރުކާރުން އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިނުމަށް ނިންމާފައިވާ ފައިސާ،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަނީ، އެމްޑަބްލިއުއެސްސީގެ ލިކުއިޑިޓީ ރަނގަޅުކުރުމަށް ކަމަށެވެ.

އަލަށް ހުށަހެޅި ބަޖެޓުގައި އައިލެންޑް އޭވިއޭޝަންގެ ހިދުމަތްތަކުގެ އަގުތައް 25 ޕަސެންޓް އަގު ހެޔޮކުރުމަށްޓަކައި އެ ކުންފުންޏަށް 35 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައިވެ އެވެ. ކަރަންޓުގެ އަގު ހެޔޮ ކުރުމަށް 24.4 މިލިއަން ރުފިޔާ ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އަލަށް ހުށަހެޅި ބަޖެޓުގައި ކުރިން ހިނގާނެކަމަށް ލަފާ ނުކުރާ ކަންކަމަށް ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 225 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. މި އަހަރުގެ ބަޖެޓު ފާސް ކުރި އިރު ކޮންޓިންޖެންސީގެ ގޮތުގައި 411 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެހެން ކަމުން މި އަދަދު މިވަނީ 636 މިލިއަނަށް އަރައިފަ އެވެ.

ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ހޯދަނީ ހިލޭ އެހީން

ބަޖެޓް ކޮމިޓީގައި އަމީރު ވިދާޅުވީ، ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ހޯދަނީ ބޭރުގެ ގައުމުތަކުން ދިނުމަށް އެއްބަސްވެފައިވާ ހިލޭ އެހީން ކަމަށެވެ. އެގޮތުން ސައުދީ އަރަބިއްޔާ އިން ހިލޭ އެހީގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ 716.8 މިލިއަން ރުފިޔާ އާއި އިންޑިޔާ ސަރުކާރުން ދިނުމަށް ނިންމާފައިވާ 100 މިލިއަން ރުފިޔާ އާއި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 700 މިލިއަން ރުފިޔާ އިން ބަޖެޓުގެ އިތުރު ހަރަދުތައް މެނޭޖު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބަޖެޓް ހުށަހެޅުމުގެ ބޭނުމަކީ، މި ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް އަމީރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ އިހުމާލުން ރާއްޖޭގެ ސިއްހީ ހިދުމަތްތަކާއި ތައުލީމީ ހިދުމަތްތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ބަޖެޓަށް ފައިސާ އިތުރު ކުރުމަށް މަޖިލީހަށް ހުށަހެޅި ލިޔުމާ އެކު ދައުލަތުގެ ބަޖެޓު 31.9 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ. އަދި ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 4.9 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.