ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސް ވިޔަފާރި އަށް ހުޅުވާލަނީ

ހުޅުމާލޭގައި އަލަށް ހުޅުވާ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރި ހިންގަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.


އިއްޔެ އެޗްޑީސީން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ކޮމްޕްލެސްގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކުން އިއްޔެ އިން ފެށިގެން ސެޕްޓެމްބަރު 23 އާ ހަމަޔަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ހިންގޭނީ ކެފޭ/ރެސްޓޯރެންޓާއި ކުޅިވަރާ ގުޅޭ ސާމާނު ވިއްކާ ފިހާރަތަކާއި ރީޓެއިލް ވިޔަފާރި އެވެ. އެގޮތުން ސްޕޯޓްސް ކޮމްޕެލެކްސްގެ އިންޑޯ، ކެފޭ އާއި ރެސްޓޯރެންޓުގެ އިތުރުން ކުޅިވަރު ސާމާނު ވިއްކާ ވިޔަފާރިތަކަށް ދިނުމަށް ވަނީ ހަމެޖެހިފަ އެވެ. އަދި އެ ކޮމްޕްލެކްސްގެ އައުޓްޑޯ ރީޓެއިލް ވިޔަފާރިތަކަށާއި ކުޅިވަރު ސާމާނު ވިއްކާ ވިޔަފާރިތަކަށް ވަނީ ހުޅުވާލައިފަ އެވެ.

މި ކޮމްޕްލެކްސްގައި ވިޔަފާރި ކުރުމަށް ކުއްޔަށް ދިނުމަށް ހަމެޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިގޮތުން ކޮންމެ ޔުނިޓަކުން ވެސް އަކަފޫޓަކަށް 30ރ. ގެ ރޭޓުން ކުލި ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

މި ޔުނިޓްތަކަށް އެދި ބިޑް ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000ރ. އާއި 75،000ރ. ދެމެދުގެ އަދަދެއް ދައްކަން ޖެހޭނެ އެވެ.