އިންޑިއާގެ ކަރެންސީ ސްވޮޕުން 50 މިލިއަން ޑޮލަރު ނަގަން ވިސްނަން: އެމްއެމްއޭ

އިންޑިއާ އިން ދީފައިވާ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީން މި އަހަރު ފަހުކޮޅު 50 މިލިއަން ޑޮލަރު ނެގުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޑެޕިއުޓީ ގަވަރުނަރު އައިޝަތި ޒާހިރާ ވިދާޅުވެއްޖެ އެވެ.


އިއްޔެ ބޭއްވި ބަޖެޓް ކޮމިޓީގައި އޭނާ ވިދާޅުވީ ސްވޮޕް ފެސިލިޓީގައި ސޮއިކޮށްފައިވާ ކަމަށާއި އެކަމަކު އެ ހުރިހާ ފައިސާއެއް އެއްފަހަރާ ބޭނުން ނުކުރާނެ ކަމަށެވެ.

"ބޭނުން ވެއްޖެ ހާލަތެއްގައި ޔޫޓީލައިޒް ކުރެވޭނެ. މިސާލަކަށް 50 މިލިއަން ޑޮލަރު އަހަރުގެ ފަހުކޮޅު އޮކްޓޫބަރު މަސް ހިސާބުގައި ނަގާ ގޮތަށް ވިސްނުން ހުރީ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ރިޒާވު މިހާރު ހުރީ 602.2 މިލިއަން ޑޮލަރުގަ އެވެ. މިއަހަރު ނިމޭ އިރު ރިޒާވް ހުންނާނެ ކަމަށް ބެލެވެނީ 558.2 މިލިއަން ޑޮލަރުގަ އެވެ. ރިޒާވް ދަށްވަމުން ދާއިރު ރާއްޖޭގެ ރިޒާވް އެންމެ މަތިވީ މިއަހަރުގެ ފެބްރުއަރީގަ އެވެ. އޭރު ރިޒާވް ވަނީ 938 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

މި ވެރިކަމުގެ ފަސް އަހަރު ނިމޭ އިރު ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒެވެ.

ރިޒާވް ދަށަށްދާ ސަބަބާ ގުޅޭ ގޮތުން ޒާހިރާ ވިދާޅުވީ، ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލަކީ ބޭންކްތަކާއި ކުންފުނިތަކަށް ފަސޭހަކަމާ އެކު ޑޮލަރު ލިބޭނެ ގޮތްތައް ފަހިކުރުން ކަމަށާއި މިގޮތަށް ބޭންކްތަކަށް ޑޮލަރު ލިބޭނެ ގޮތްތައް ފަހިކުރުމުން ރިޒާވަށް އޭގެ އަސަރުކުރާ ކަމަށެވެ.

"ފިކްސްޑް އިންޓްރެސްޓް ރޭޓް ސިސްޓަމެއްގައި އިންޓަވެންޝަން ޕޮލިސީއެއް ގެންގުޅެންޖެހޭ. ސަރުކާރުން ކުންފުނިތަކާއި ބޭންކްތަކަށް ބޭނުންވާ ޑޮލަރުތައް ފޯރުކޮށްދޭން ޖެހޭ. މި އުސޫލު ގެންގުޅޭތީ ރިޒާވަށް އޭގެ އަސަރު ކުރާނެ. ވީމާ ކޮންމެވެސް ވަރަކަށް ދަށަށް ދިޔުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ރިޒާވް ބޭންކް އޮފް އިންޑިޔާ (އާރްބީއައި) އިން 400 މިލިއަން ޑޮލަރާ ހަމަޔަށް ކަރެންސީ ސްވޮޕެއް ނެގުމަށް އެއްބަސްވެފައިވަނީ މިދިޔަ ޖުލައި މަހު އެވެ.

ރިޒާވް ދަށްނުވެ އެކަށީގެންވާ ވަރެއްގައި ހިފެހެއްޓުމަށް އިންޑިއާގެ ކަރެންސީ ސްވޮޕް ފެސިލިޓީ ބޭނުންކުރުމުގެ ފުރުސަތު އެމްއެމްއޭ އަށް އެބައޮތް ކަމަށް ޒާހިރާ ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި އިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ޖުލައި މަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ސްވޮޕް ފެސިލިޓީ ލިބުނު ނަމަވެސް ބޭނުން ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި އެ ފައިސާ ބޭނުންކުރާނީ ވަރަށް މުހިއްމު ހާލަތްތަކުގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ ކަންކަން މިހާރު ކުރިއަށް ގެންދާ ގޮތުން އެ ފައިސާ ހޯދާކަށް ނުޖެހޭނެ އެވެ. އަދި ވިދާޅުވީ، އެ ފައިސާ ބޭނުންކުރަން ޖެހޭ ފަދަ ހާލަތެއް ވެސް ކުރިމަތި ނުވާނެ ކަމަށެވެ.

ކަރެންސީ ސްވޮޕް ފެސިލިޓީއާ އެކު ރާއްޖޭގެ ރިޒާވް އިތުރުވާނެ އެވެ. މިއީ ރިޒާވް ބޮޑުކުރުމަށް އޮތް ވަގުތީ ހައްލެއް ނަމަވެސް، މިއާ އެކު ރާއްޖޭގައި އިންވެސްޓްކުރާނެ އިންވެސްޓަރުން ހޯދުމަށް ފަސޭހަ ވާނެ އެވެ. ކަރެންސީ ސްވޮޕް ގައި ހިމެނޭ ފައިސާ، ލޯނު އުސޫލުން އަނބުރާ ދައްކަންޖެހެ އެވެ.