އެމެރިކާ ދުރު، އެކަމަކު ޓޫރިސްޓުންގެ ލޯބި ރާއްޖެއަށް!

ރާއްޖެއާ އެމެރިކާ ކިތައްމެ ދުރު ނަމަވެސް ރާއްޖޭގެ ރީތިކަން ދެކިލަން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑު ތަނުން މި އަހަރު މައްޗަށް ހިނގައްޖެ އެވެ.


ޓޫރިޒަމް ދާއިރާއިން ލިބިފައިވާ ކާމިޔާބީތަކާ ބެހޭ މައުލޫމާތު ދިނުމަށް އެމްއެމްޕީއާރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިދިޔަ ފަސް އަހަރަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެންމެ ފާހަގަކޮށްލެވޭ މާކެޓުތަކުގެ ތެރޭގައި އެމެރިކާ ހިމެނޭ ކަމަށެވެ.

ތޮއްޔިބު ވިދާޅުވި ގޮތުގައި އެމެރިކާ އާއި އޮސްޓްރޭލިއާ އިން އަންނަ ޓޫރިސްޓުން އިތުރުވަމުން އަންނާތީ ކުރިއަށް އޮތް ތަނުގައި އެ މާކެޓުތަކަށް ސަމާލުކަން ދޭން ޖެހެ އެވެ.

"މުސްތަގުބަލުގައި އަޅުގަނޑުމެންގެ ސްޓްރެޓެޖީތަކުގައި މި ދެ މާކެޓަށް ބަލަން ޖެހޭ،" ތޮއްޔިބު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި އެމެރިކާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 7،000 އަށް އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އެމެރިކާގެ 27،684 ޓޫރިސްޓުން އަ އެވެ. މިއީ ކުރިންސުރެ ރާއްޖޭގެ ޓޫރިޒަމާ ގުޅުން ބޮޑު ޖަޕާނުން އައި ޓޫރިސްޓުންނަށް ވުރެ 5،000 އިތުރު އަދަދެކެވެ.

ތޮއްޔިބު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދި ނަމަވެސް ފަހު ހަ މަސް ދުވަހު މި ކާމިޔާބީ ދަމަހައްޓަން އިތުރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ މަހު ދުނިޔޭގެ އެކި މާކެޓުތަކުގައި އެމްއެމްޕީއާރުސީން ބައިވެރިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރުގެ ބާކީ ހަ މަސްދުވަހު އަޅުގަނޑުމެން އަތް އުރާލައިގެން ތިބޭނީކީ ނޫން. ފުދޭ ވަރަކަށް ގިނަ ހަރަކާތްތަކެއް ކުރިއަށް އެބަހުރި. އެގޮތުން މިއަންނަ މަހަކީ ވަރަށް ފާހަގަކޮށްލެވޭ މަހެއް. ދުނިޔޭގެ ވަރަށް ގިނަ މާކެޓުތަކުގައި މިތަނުގެ ސްޓާފުން އިންޑަސްޓްރީގެ ފަރާތްތަކާ އެކު ހަރަކާތްތެރިވާނެ،" ތޮއްޔިބު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއަރުވަން އެމްއެމްޕީއާރުސީން އަންނަނީ އަންނަ އަހަރުގެ ޕްލޭންތައް ވެސް ތައްޔާރު ކުރަމުންނެވެ. އެގޮތުން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.