އިތާފުށި: ހުޅުވިތާ ދެ މަސްވީއިރު ސާވިސް ޗާޖް ލިސްޓުން ދެ ވަނަ އަށް

ހުޅުވިތާ ދެ މަސްދުވަހުގެ ތެރޭގައި، އިތާފުށި ރިސޯޓަކީ މުވައްޒަފުންނަށް އެންމެ ރަނގަޅަށް ސާވިސް ޗާޖް ދޭ ދެވަނަ ރިސޯޓަށް ވެއްޖެ އެވެ.


މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި އިތާފުށި ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ބަހާފައި ވަނީ ބޮލަކަށް 832 ޑޮލަރު (12،829ރ.) އެވެ. މިއީ ޖުލައި މަހާ އަޅާ ބަލާއިރު 282ރ. ގެ އިތުރު އަދަދެކެވެ.

އެންމެ ގިނައިން ސާވިސް ޗާޖު ބަހައިގެން މި ލިސްޓުގެ އެއް ވަނަ ހޯދާފައި ވަނީ ޝެވަލް ބްލާންކް ރަންދެލިންނެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 1،283.93 ޑޮލަރު (19،844ރ.) ބަހާފަ އެވެ. މިއީ ޖުލައި މަހާ އަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ޖުލައި މަހު އެ ރިސޯޓުން ބަހާފައިވަނީ ބޮލަކަށް 400 ޑޮލަރު (6،168ރ.) އެވެ. ޖުލައި މަހު ރަންދެލި އޮތީ ލިސްޓުގެ 40 ވަނައިގަ އެވެ.

މި ލިސްޓުގެ ތިން ވަނަ ލިބިފައި ވަނީ އަނަންތަރާ ކިހަވައް ރިސޯޓަށެވެ. އެ ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 829.52 ޑޮލަރު (12،791ރ.) އެވެ.

ޖުލައި މަހު އެންމެ ގިނައިން ސާވިސް ޗާޖު ބެހި ވޮއްމުލި ރިސޯޓު މިދިޔަ މަހު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ނަމަވެސް ސާވިސް ޗާޖުގެ ގޮތުގައި ބެހި އަދަދު ވަނީ އިތުރުވެފަ އެވެ. ޖުލައި މަހު ސާވިސް ޗާޖުގެ ގޮތުގައި 725.57 ޑޮލަރު (11،188ރ.) ބަހާފައިވާއިރު މިދިޔަ މަހު އެ ރިސޯޓުން ބަހާފައިވަނީ 811.86 ޑޮލަރު (12،791ރ.) އެވެ.

މިދިޔަ މަހު ސާވިސް ޗާޖު ދިން ކަމަށް މޯލްޑިވްސް ސާވިސް ޗާޖު ވެބްސައިޓުގައި ހާމަކޮށްފައިވާ ރިސޯޓުތަކަށް ބަލާއިރު ހުރިހާ ރިސޯޓަކުން ވެސް ވަނީ ޖުލައި މަހާ އަޅާ ބަލާއިރު ސާވިސް ޗާޖު ބެހި މިންވަރު އިތުރުކޮށްފަ އެވެ. މޯލްޑިވްސް ސާވިސް ޗާޖުގައި ހިމަނާ އަދަދުތަކަކީ ރިސޯޓުތަކުގެ މުވައްޒަފުން އެ ވެބްސައިޓަށް ދޭ އަދަދުތަކެކެވެ.