ދިރާގު ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.


މި ޕްރޮމޯޝަނުގެ ދަށުން އިތުރު ހަރަދެއް ނުކޮށް ދެ މަސްދުވަހުގެ މުއްދަތަށް ހައި ސްޕީޑު އިންޓަނެޓާއި ގިނަ އެލަވެންސް ހިމެނޭ ޕެކޭޖް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ 31 އޮކްޓޯބަރުގެ ނިޔަލަށް ދިރާގުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގައި ފައިބާ ބްރޯޑްބޭންޑް އަދި އޭޑީއެސްއެލް ކަސްޓަމަރުން މިހާރު ގެންގުޅޭ ޕެކޭޖްގެ އަގުގައި އެ ޕެކޭޖަށް ވުރެ މަތީ ޕެކޭޖެއް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން ކަސްޓަމަރުންނަށް ގިނަ އެލަވަންސް އަދި މަތީ ޕެކޭޖްގެ ސްޕީޑް ތަޖުރިބާ ކޮށްލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުން ބޭނުންވާ ނަމަ އަނބުރާ ކުރީގެ ޕެކޭޖަށް ބަދަލު ވެސް ކޮށްލެވޭނެ އެވެ. ދެ މަސް ދުވަސް ހަމަވުމުން ޕެކޭޖް ބަދަލު ނުކުރުމުގެ އިހުތިޔާރު ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޕެކޭޖް ބަދަލުކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ވެބްސައިޓާއި މައި އެކައުންޓު ބޭނުންކޮށްގެން ބަދަލު ކޮށްލެވޭނެ އެވެ. މީގެ އިތުރުން އެ ކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުން ވެސް މި ޕެކޭޖް ނެގޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.