ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ

މިއަހަރުގެ މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އެސްޓީއޯ ހަމަޖައްސައިފި އެވެ.


އިއްޔެ އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކަޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހެވެ. އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލެވެ.

"ބްރެއިން އެންޑް ސްޕައިން 19" ގެ ނަމުގައި މި މަހުގެ 17-19 އަށް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ މި ކޮންފަރެންސަކީ އޭޑީކޭގެ ނިއުރޯ ސާޖަން ޓީމުން އިސްނަގައިގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސަކީ އެ ދާއިރާގެ ރިސާޗްތަކާއި އާ ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މިއީ މި ކޮންފަރެންސް ބާއްވާ ތިން ވަނަ އަހަރެވެ.

މި ކޮންފަރެންސްގައި 11 ނިއުރޯ ސާޖަނުން ވާހަކަ ދައްކަވާނެ ކަމަށް އޭޑީކޭ އިން ވަނީ ބުނެފަ އެވެ.

އެސްޓީއޯ އިން ބުނީ މިފަދަ ކޮންފަރެންސެއްގައި ބައިވެރިވަނީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރާ މިފަދަ ކަމެއްގައި އެ ކުންފުންޏަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭން ކަމަށެވެ.