ހަނިމާދޫ-ކޮޗިން ދަތުރުތައް އަންނަ މަހުގެ 28 ގައި ފަށަނީ

ހަނިމާދޫ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކުރާ ދަތުރުތައް އަންނަ މަހުގެ 28 ގައި ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޖެނިފާ ވިދާޅުވެެއްޖެ އެވެ.


މޯލްޑިވިއަނުން ކޮޗިން އަށް ހަފުތާއަކު ތިން ދުވަހު ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.

އިއްޔެ ކޮޗިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެނިފާ ވިދާޅުވީ މޯލްޑިިވިއަނުން އަލަށް ދަތުރުތައް ފަށާ މި ރޫޓުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އެ އެއާލައިނުން އަދާ ކުރަމުން އަންނަ ރޯލު އިތުރަށް ފުޅާވާނެ ކަމަށެވެ. މި ދަތުރުތައް ފެށުމުން އިންޑިއާގެ ޓޫރިސްޓުންނަށް ހެޔޮ އަގުގައި ފަސޭހަކަމާއެކު ރާއްޖެއަށް ދަތުރު ކުރެވޭނެ ކަމަށް ވެސް ޖެނިފާ ވިދާޅުވި އެވެ.

މޯލްޑިވިއަނުން މިހާރު ވެސް ހަނިމަދޫ އާއި އިންޑިއާގެ ޗެންނާއީިއާ ދެމެދު ދަތުރުތައް ކުރެ އެވެ. ނަމަވެސް އަލަށް ފެށި މި ރޫޓުގެ ސަބަބުން އިންޑިއާ އަށް ބޭސްފަރުވާއަށް ދާ ދިވެހިންނަށް އިތުރު ފަސޭހަކަމެއް ލިބޭނެކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ އިތުރު ސިޓީތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އިތުރު ބޯޓުތަކާއެކު އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށޭނެ ކަމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ކުރިން ވަނީ ވިދާޅުވެފަ އެވެ.