ފުވައްމުލަކުގައި އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށަނީ

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމެއް ފުވައްމުލަކުގައި ހިންގަން ނިންމައިފި އެވެ.


"ގާލްސް ޓު ކޯޑު" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް ފަށާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. މީގައި ބައިވެރި ވެވޭނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށެވެ.

ދިރާގުން ބުނީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމް ހިންގާނީ ދެ މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި މި މުއްދަތުގައި ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ދިރާގުން ބުންޏެވެ.

އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން މި ޕްރޮގްރާމްގައި ދަސްކޮށްދޭނެ އެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އިން ބުނީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދުކަމަށާއި މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާ އަށް އަންހެން ކުދިން ތައާރަފުކުރުން މުހިންމު ކަމަށެވެ.

ފުވައްމުލަކުގެ އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ނަތީޖާއަށް ބަލައި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގަން ވަނީ ހަމަޖެހިފަ އެވެ.