ޕްރައިވަޓައިޒޭޝަން ބޯޑު އަލުން އެކުލަވާލައި މެމްބަރުން އައްޔަންކޮށްފި

ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސް ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.


ފިނޭންސް މިނިސްޓްރީން ބުނީ ޕްރައިވަޓައިޒޭޝަން ބޯޑަށް މެމްބަރުން އައްޔަން ކުރައްވައި، އެ ބޯޑުގެ ރައީސަކަށް ހަސަން ވަހީދު ހަމަޖައްސަވާފައިވާ ކަމަށެވެ. އޭނާ އަކީ ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ބޯޑު މެމްބަރުކަން އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ.

މެލޭޝިއާ އިން އިކޮނޮމިކްސްގެ ދާއިރާ އިން ޑިގްރީ ހާސިލްކޮށް އަދި ބިޒްނަސް މެނޭޖްމަންޓުން މާސްޓާސް ހާސިލް ކުރައްވާފައިވާ ހަސަން ވަނީ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސް ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލަރު ކަމާއި ފިނޭންސް މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ.

ފިނޭންސް މިނިސްޓްރީ ގައި އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ފަންޑްސް އެގްޒެކެޓިވް ހިމެނެ އެވެ. އޭގެ އިތުރުން އެކައުުންޓިންނާ ގުޅުންހުރި ތަފާތު އެކި ކޯސްތައް ވެސް ފުރިހަމަކުރައްވާފައި ވެ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ގާނޫނުގައިވާ ގޮތުން ބޯޑުގައި ހަތް މެމްބަރުން ތިބެން ޖެހެ އެވެ. ނަމަވެސް މި ވަގުތު ބޯޑުގައި ތިއްބެވީ ހަ މެމްބަރުންނެވެ. މެމްބަރުންގެ ދައުރަކީ ހަތަރު އަހަރެވެ.

އާ ބޯޑުގެ ނައިބު ރައީސަކަށް ހަމަޖެއްސެވީ އާސިމް މުހައްމަދެވެ. ނޮން އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި އައިޝަތު ޝާޒްލީ އާއި ރުޝާހާ އަހުމަދު ޝަރީފާއި އަލީ ޝަފީއުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ގާނޫނީ ވަކީލް އަލީ ޝުޖާއު އެވެ. ޝުޖާއު އަކީ ކުރިން ވެސް އެ ބޯޑުގައި އިންނެވި ބޭފުޅެކެވެ.

ޕީސީބީ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން .ހޯދަން ޖެހޭނެ ކަމަށް ގާނޫނުގައި ވެ އެވެ.

ކުންފުނިތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ބޯޑު އަލުން އެކުލަވައިލަން ރައްޔިތުންގެ މަޖިލީހުން ކުރިން އޮތީ ލަފާދީފަ އެވެ. އެ ލަފައާ އެކު، ޕީސީބީގެ ރައީސަކަށް އޭރު ހުންނެވި މުހައްމަދު ނިޒާރު ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވައިފަ އެވެ.