މަހުގެ އުފެއްދުން މާކެޓްކުރުމާ ބެހޭ ޕްރޮގްރާމެއް މ. އަތޮޅުގައި

މަހުގެ އުފެއްދުންތައް މާކެޓު ކުރުމާ ބެހޭ މައުލޫމާތު ދިނުމަށް ފިޝަރީޒް މިނިސްޓްރީން މ. ދިއްގަރުގައި މާކެޓިން ޕްރޮގްރާމެއް ބާއްވައިފި އެވެ.


މި މަހުގެ 19-21 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މ. ދިއްގަރުން ނުވަ މީހުން، އަދި މ. ކޮޅުފުށީގެ ދެ މީހަކު ބައިވެރިވި އެވެ. މިއީ މުޅިން ވެސް އެ އަތޮޅުގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހުންނެވެ.

ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް އުފައްދަން ކުރަން ޖެހޭ މަސައްކަތާއި، އުފެއްދުންތަކުގެ އަގު ކަނޑައަޅާނެ ގޮތާއި ޕެކޭޖިން އާއި ލޭބަލްގެ މުހިންމުކަމާއި މަހުގެ ކޮލިޓީ ދެމެހެއްޓުން ފަދަ ދާއިރާތަކުން މައުލޫމާތު ދިން ކަމަށް، ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ބައިވެރިންނަށް ކިޔައިދިން ކަންކަމުގެ ތެރޭގައި އުފެއްދުންތައް މާކެޓްކުރުމާއި ކުދި ވިޔަފާރީގެ ހިސާބު ބަލަހައްޓާނެ ގޮތް ހިމެނެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މ. އަތޮޅުގެ މަސްވެރިކަމުގެ ދާއިރާގެ މީހުންނަށް މައުލޫމާތު ދިނުމުގެ އިތުރުން މިއީ މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކަން އުފައްދަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ވެސް ބައެއް ކަމަށެވެ.