ހޮރައިޒަންގެ މަސް ފިހާރައެއް މާލޭގައި ހުޅުވައިފި

ހޮރައިޒަން ފިޝަރީޒްގެ މަސް ފިހާރައެއް މާލޭގައި މިއަދު ހުޅުވައިފި އެވެ.


ޗާންދަނީ މަގުގައި "ސީ ފުޑް ޕްލަސް" ގެ ނަމުގައި ހުޅުވި މި ފިހާރަ އަކީ އެ ކުންފުނިން މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ކުރި ތަނެކެވެ. ދަޅު އަދި ކޮތަޅުގައި ބަންދުކުރި މަހުގެ އިތުރުން ގަނޑުކުރި މަސް ވެސް އެ ފިހާރަ އިން ލިބެން ހުންނާނެ އެވެ.

ސީ ފުޑް ޕްލަސް ގެ އެސިސްޓެންޓް މެނޭޖަރު ސޭލްސް އެންޑް މާކެޓިން، އިބްރާހިމް ވިސާމް ވިދާޅުވީ، އެ ފިހާރަ އިން ވިއްކާ މަހުގެ އުފެއްދުންތަކާއި އެހެން ފިހާރަތަކުން އުފައްދާ މަހުގެ އުފެއްދުންތަކުގައި ވަރަށް ބޮޑު ތަފާތެއް ހުންނާނެ ކަމަށެވެ. "ސީ ފުޑް ޕްލަސް" އިން ވިއްކާ މަހުގެ އުފެއްދުންތަކުގެ ތެރޭގައި ކަނޑުމަސް (މިރުހާ އެކު) އަދި ކަނޑުމަސް (ލޮނުމެދާ އެކު) ހިމެނެ އެވެ.

ސީ ފުޑް ޕްލަސް އިން ލިބެން ހުންނަ މަހުގެ ބައެއް އުފެއްދުންތައް-- ފޮޓޯ: މިހާރު

ވިސާމް ވިދާޅުވި ގޮތުގައި، ހޮރައިޒަންގެ އުފެއްދުނަތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް އިތުރު ފިހާރަތައް ވެސް ހުޅުވުމަށް އަންނަނީ ރާވަމުންނެވެ. އެގޮތުން އެންމެ އަވަހަށް ފިހާރައެއް ހުޅުވުމަށް ނިންމާފައި ވަނީ ހުޅުމާލޭގައި ކަމަށް ވިސާމް ވިދާޅުވި އެވެ.

ހޮރައިޒަން ފިޝަރީޒުން މިއަދު ހުޅުވި ފިހާރަ އިން ލިބެން ހުންނަ އިތުރު އުފެއްދުންތަކުގެ ތެރޭގައި ތެލާއި ފެން އަދި ޓޮމާޓޯ ގައި ބަންދު ކޮށްފައިވާ ކަނޑު މަސް ހިމެނެ އެވެ.