ސީއެންސީ ލަންކާ ޓުއާގެ ހާއްސަ ޕެކޭޖްތަކެއް ތައާރަފު ކޮށްފި

ސީއެންސީގެ ސްރީ ލަންކާ ޓުއާތަކަށް ހާއްސަ ދެ ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.


މި ޕެކޭޖްތަކުގެ ތެރޭގައި ކޮލަމްބޯ ސްޓޭ ޓުއާ އާއި ލަންކާގެ ރައުންޑް ޓުއާއެއް ހިމެނެ އެވެ. ކޮލަމްބޯ ސްޓޭ ޓުއާގައި ދެ ދުވަހުގެ ހުރުމުން ފެށިގެން ހަ ދުވަހުގެ ހުރުމާހަމަ އަށް ޕެކޭޖްތައް ލިބޭއިރު ރައުންޑް ޓުއާ އަށް ދާން ބޭނުންވާ މީހުންނަށް ތިން ދުވަހުގެ ހުރުމުން ފެށިގެން ފަސް ދުވަހުގެ ހުރުމާ ހަމައަށް ޕެކޭޖް ލިބޭނެ އެވެ.

މި ޕެކޭޖްތަކުގެ ތެރެއިން ކޮލަމްބޯ ސްޓޭ ޓުއާ ނަގާ މީހުންނަށް 210 ޑޮލަރު (3،238ރ.) އިން ފެށިގެން 490 ޑޮލަރު (7،55ރ.) އާ ހަމައަށް ޕެކޭޖްތައް ވަނީ ތައާރަފު ކޮށްފަ އެވެ. އަދި ލަންކާ ރައުންޑް ޓުއާ ނަގާ މީހުންނަށް 261 ޑޮލަރު (4،024ރ.) އިން ފެށިގެން 350 ޑޮލަރު (5،397ރ) އާ ހަމައަށް ޕެކޭޖްތައް ވަނީ ތައާރަފް ކޮށްފަ އެވެ.

ކޮލަމްބޯ ސްޓޭ ޓުއާ ހިޔާރު ކުރާ މީހުންގެ ތެރެއިން ހޮޓަލް ކަނާރޯގައި ތިބެން ބޭނުންވާ މީހުންނަށް ސީއެންސީން ވަނީ އިތުރު ޕެކޭޖެއް ވެސް ތައާރަފްކޮށްފަ އެވެ. މި ހޮޓަލުގައި ހަ ދުވަހުގެ ހުރުން ނަގާ މީހުންނަށް އެއް ދުވަހުގެ ހުރުން ހިލޭ ލިބޭނެ ކަމަށް ސީއެންސީން ބުންޏެވެ.

ހޮޓެލް ކަނާރޯގެ އިތުރުން އެހެނިހެން ހޮޓަލްތަކުގައި ތިބުމުގެ އިހްތިޔާރު ވެސް ޓުއާ ޕެކޭޖްތައް ނަގާ މީހުންނަށް ލިބޭނެ އެވެ. މި ޕެކޭޖްތަކުގައި ކޮލަމްބޯގައި ވިޔަފާރި ކުރުމާއި މަގްބޫލު ތަންތަން ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ލަންކާ ރައުންޑް ޓުއާ ނަގާ މީހުންގެ ހުރުން ވެސް ހަމަޖައްސާފައިވަނީ އެ ގައުމުގެ ފެންވަރު ރަނގަޅު ހޮޓާތަކުގަ އެވެ. މި ޓުއާގައި ދާ މީހުންނަށް ލަންކާގެ ކޭންޑީ އާއި ޑަމްބުލާ އަދި ޕޮލޮއްނަރުވާ އާއި ބެންޓޯޓާ އަށް ޒިޔާރަތް ކުރެވޭނެ އެވެ.

މި ޕެކޭޖްތަކަކީ އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ތައާރަފު ކޮށްފައިވާ ޕެކޭޖްތަކެކެވެ.