އައްޑޫގައި ގެސްޓްހައުސް އަޅަން ކުދި ވިޔަފާރިތަކަށް 80 މިލިއަން ރުފިޔާގެ ލޯނު ދެނީ

އައްޑޫގައި ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ބިންތަކުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ގެސްޓްހައުސް ހިންގަން ބޭނުންވާ މީހުންނަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 80 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.


ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައްޑޫ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އައްޑޫގެ ހަ ރަށަކުން ޓޫރިޒަމަށް ބިން ދޫކުރާ އިރު، އޭގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޮތް ފުރުސަތުތަކަކީ ކޮބައިތޯ މަޝްވަރާކުރި ކަމަށެވެ.

ހަމައެކަނި ފުރުސަތު އޮތީ ބޮޑެތި ވިޔަފާރިވެރިންނަށް ނޫން ކަމަށާއި ޓޫރިޒަމް ފުޅާ ކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް ބައިވެރިވި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ، ސިޓީ ކައުންސިލުން ކަނޑައަޅާ ބިންތަކުގައި ގެސްޓްހައުސް ތަރައްގީކުރަން ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ބޭންކުން ފައިސާ ލިބޭނެ ގޮތްތައް ހަމަޖައްސަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ކަމަށެވެ.

"އެ ވަގުތަށް ވިދާޅުވީ، 80 މިލިއަން ކަމަށް. އަދި އިތުރު ޕޮސިބިލިޓީއެއް އޮތީ ކިހާވަރެއްތޯ ބައްލަވާނެ ކަމަށް. އެހެންވީމަ އައްޑޫގައި ބޭސްޑް އެސްއެމްއީތަކަށް ވެސް ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަަކަށް ލޯނު ފަހިކޮށްދިނުމަށް ސަރުކާރުން އެސްޑީއެފްސީ އުފެއްދީ މިދިޔަ މާޗް މަހު އެވެ. މި ބޭންކް މެދުވެރިކޮށް ދެ ލައްކަ އާއި ފަސް ލައްކައާ ދެމެދުގެ އަދަދަކަށް ކޮންމެ ވިޔަފާރިއަކަށް ވެސް ލޯނު ލިބޭނެ އެވެ. އެ ބޭންކު ހުޅުވިފަހުން ވީ ހަތަރު މަސް ތެރޭ އެއް ބިލިއަން ރުފިޔާ އަށް ވުރެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވެ އެވެ.