ވިއެޓްނާމްގައި ފެކްޓަރީއެއް ހަދާކަށް ނޫޅެން: ސެމްސަންގް

ވިއެޓްނާމްގައި މިހާތަނަށް އެންމެ ބޮޑު އިންވެސްޓެއްކޮށްފައިވާ ބޭރުގެ ކުންފުނި ދެކުނު ކޮރެއާގެ ސެމްސަންގްގެ ވިޔަފާރި އެ ގައުމުގައި ފުޅާކުރަން އިތުރު ފެކްޓްރީއެއް ތަރައްގީކުރަން އުޅޭ ކަމަށް ބުނާ ވާހަކަ ސެމްސަންގުން ދޮގުކޮށްފި އެވެ.


އެކަން ދޮގުކޮށްފައި ވަނީ ވިއެޓާމްގެ އުތުރު ޕްރޮވިންސް ހޯއާ ބިންހްގައި ފެކްޓްރީއެއް ބިނާކުރަން ނިންމައި އެކަމަށް ބިމެއް ވެސް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ސެމްސަންގުން ކުރިން އިއުލާންކޮށް، އެ ވާހަކަ ކުންފުނީގެ ވެބްސައިޓްގައި ވެސް ހިއްސާކޮށްފައި ވަނިކޮށެވެ.

އެ ކުންފުނީގެ އޮފިޝަލުންނާ ހަވާލާދީ މީޑިިއާތަކުން ބުނީ ހޯއާ ބިންހް ޕްރޮވިންސުން ސެމްސަންގުން 500-1،000 ހެކްޓަރުގެ ބިމެއް ކުއްޔަށް ނަގަން މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ފެކްޓްރީއެއް އަޅަން ބިމެއް ހޯދަން މަސައްކަތް ނުކުރާ ކަމަށް ސެމްސަންގުން ބުންޏެވެ. އަދި ކުރިން އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ވެބްސައިޓް އާންމުކުރި ލިޔުންތައް ވެސް މިހާރު ވަނީ ނަގައިފަ އެވެ.

ސެމްސަންގްގެ އުފެއްދުންތައް ތައްޔާރުކުރަން ވިއެޓްނާމްގައި މިހާރު ވެސް 8 ފެކްޓްރީ ބިނާކޮށްފައިވާ އިރު އެ ކުންފުނިން އެ ގައުމުގައި މިހާތަނަށް 17.3 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަށް މަހުގެ ތެރޭގައި ވިއެޓްނާމުގައި އުފައްދައި ބޭރުކުރާ ސެމްސަންގް އިލެކްޓްރޯނިކްސްގެ ސާމާނުތަކުގެ އަދަދު މިހާރު ވަނީ 5.6 ޕަސަންޓަށް އިތުރުވެފަ އެވެ.