ކޮފީ ލިބުން ދަތިވެ އަގު ބޮޑުވެދާނެ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮފީ އިންޑަސްޓްރީ އަށް ލޮޅުން އަރައިފާނެ ކަމުގެ އިންޒާރު ލިބޭތާ މިހާރު އަހަރުތަކެއްވެއްޖެ އެވެ. އެހެންވެ، ކޮފީ ލިބުން ދަތިވެ އަގު ބޮޑުވެދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ.


މޫސުމަށް އަންނަ ނޭދަވޭ ބަދަލުތަކާ އެކު، ކޮފީ ހައްދާ މައިގަނޑު ގައުމުތަކުގެ އުފެއްތެރިކަން ދަނީ ދަށްވަމުންނެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުގެ އުފެއްދުންތެރިކަން ވިލަރެސްކުރާ ފެއާ ޓްރޭޑް ފައުންޑޭޝަނުން އަންދާޒާކުރާ ގޮތުގައި ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަކުތަކާ ގުޅިގެން ކޮފީގެ އިންޑަސްޓްރީ އަށް ކުރިމަތިވާ ލޮޅުންތަކާ އެކު، ކޮފީ އަކީ ތަދު، އަގުބޮޑު އެއްޗަކަށްވުމުގެ އަލާމާތްތައް މިހާރު ވެސް ވަނީ ފެންނަން ފަށައިފަ އެވެ.

ފެއާޓްރޭޑްގެ ކޮމާޝަލް ޕާޓްނާޝިޕްސްގެ ހެޑް ކެތެރީން ޑޭވިޑް ވިދާޅުވި ގޮތުގައި ދުނިޔެ ހޫނުވުމުގެ މައްސަލަ އާއި މޫސުމީ ގޮތުން ދިމާވާ އެކި ނޭދެވޭ އަސަރުތަކުގެ ސަބަބުން، ކޮފީ ހެއްދުމުގެ މަސައްކަތަށް ދަނީ ހުރަސްއެޅެމުންނެވެ. އަދި މިކަމުގެ ސަބަބުން ކޮފީގެ ކޮލިޓީ ވެސް ދަށްވަމުންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ޕެރޫ ކަހަލަ ގައުމުތަކުން މިކަމުގެ އަސަރު މިހާރު ވެސް ފެންނަމުންދާ ކަމަށް ބުންޏެވެ.

ފެއާޓްރޭޑުން އަންދާޒާކޮށްފައިވާ ގޮތުގައި މިހާރު މިދާ ރޭޓުން، ދުނިޔޭގެ ތިމާވެއްޓަށް ކުރާ އަސަރު ބޮޑުވަމުންދާ ނަމަ 2050 އާ ހަމައަށް އަންނަ އިރު، ކޮފީ ހައްދާ ބިންތަކުގެ ދެބައިކުޅަ އެއްބައި ބޭނުން ނުކުރެވޭ ހާލަތަކަށް ހިނގައި ދާނެ އެވެ. އަދި މިހާރު ވެސް ކޮފީ ހައްދާ ބައެއް ސަރަހައްދުތަކުގެ އުފެއްދުންތެރިކަން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 80 އިން 20 ޕަސެންޓަށް ވެއްޓިފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.

އެހެންވެ މިހާރުން މިހާރަށް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މުޅި ދުނިޔެ އެއް ވާނެއްގައި މަސައްކަތްކުރަން ޖެހޭ ކަމަށް ކެތެރީން ވިދާޅުވި އެވެ.

"އެ ނޫން ކަމަށްވާ ނަމަ މީގެ ނަތީޖާއަކަށް ވާނީ ކޮފީ ހައްދާ މިންވަރު އެތައް ގުނައެއް ދަށްވެ، ކޮފީގެ އަގު ހީވެސް ނުކުރާހާ މައްޗަށް އަރައިގެން ދިއުން،" އޭނާ ވިދާޅުވި އެވެ. "އަދި ކޮފީ ހައްދައިގެން އާމްދަނީ ހޯދާ މީހުން އެ މަސައްކަތް ހުއްޓާލައި، އާމްދަނީ ހޯދާނެ ކޮންމެވެސް އެހެން ގޮތެއް ހޯދަން މަޖުބޫރުވާނެ."

ކެތެރީން ވިދާޅުވި ގޮތުގައި ކޮފީގެ އަގުބޮޑުވެ، އެ ބުއިމަކީ ހަމައެކަނި މުއްސަނދިން އަތްފޯރާ "ލަގްޒަރީ" އެއްޗަކަށްވުމަކީ ކޮފީ އިންޑަސްޓްރީ އަށް އޮތް ވަރަށް ބޮޑު ދެރައަކަށް، ގެއްލުމަކަށް ވާނެ އެވެ.

މިހާރު ވެސް ކޮފީގެ 124 ބާވަތުގެ ތެރެއިން 75 ބާވަތަކީ ހުސްވެދާނެ ކަމުގެ ބިރު އޮތް ބާވަތްތަކެވެ. އަދި މީގެ ތެރެއިން 35 ބާވަތުގެ ކޮފީ އަކީ ރައްކާތެރިކަން ކަށަވަރު ނުވާ ސަރަހައްދުތުގައި އުފައްދާ ކޮފީ އެވެ. ކޮފީ އެންމެ ގިނައިން ހައްދާ 10 ގައުމުގެ ތެރޭގައި ހިމެނެނީ ބްރެޒިލް، ވިއެޓްނާމް، ކޮލަމްބިއާ، އިންޑޮނީޝިއާ، އިންޑިއާ، އިތިއޯޕިއާ، މެކްސިކޯ، ޕެރޫ، ހޮންޑިއުރަސް އަދި ގުއަޓަމާލާ އެވެ.