ދަތުރުތަކަށް ކަނޑައެޅި ބަޖެޓް ހުސްވެއްޖެ!

ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ހޭދަކުރަން ބަޖެޓުގައި ކަނޑައެޅި މިންވަރުގެ 99.4 ޕަސެންޓް ހޭދަކޮށްފި އެވެ.


ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ދައުލަތުގެ އެކި ދަތުރުތަކަށް 141 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ދަތުރުތަކަށް މި އަހަރަށް ކަނޑައަޅާފައިވަނީ 142 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ކަނޑައެޅި ބަޖެޓުން ބާކީ އޮތީ މިލިއަނެއްހާ ރުފިޔާ އެވެ.

ސަރުކާރުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރީ ރިކަރަންޓް ހަރަދަށެވެ. އޭގެތެރެއިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ބަޖެޓުގެ 74 ޕަސެންޓް ވަނީ ހޭދަކޮށްފަ އެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ އަށް 7.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު ކަނޑައަޅާފައިވާ ބަޖެޓަކީ 9.5 ބިލިއަން ރުފިޔާ އެވެ.

ސަރުކާރުން ހިންގާ ޕަބްލިކް ސެންޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މިހާތަނަށް ހޭދަކޮށްފައިވަނީ، ކަނޑައެޅި ބަޖެޓުގެ 37 ޕަސެންޓެވެ. މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރީ މަގު ހެދުމައި އެއާޕޯޓް މަޝްރޫއުތަކަށެވެ.

ސަރުކާރުގެ ހިންގުން ލަސް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔާ އިރު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ ވެރިކަމުގެ ފުރަތަމަ އަހަރެއްގައި އެންމެ ގިނަ މަޝްރޫއުތައް ހިންގީ މި ސަރުކާރުން ކަމަށެވެ. މިހާތަނަށް 129 މަޝްރޫއު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވެރިކަމުގެ ފުރަތަމަ އަހަރު ހިންގީ 70 މަޝްރޫއެވެ.