އެންމެ ބޮޑު ސިނާއަތުގެ ވަޒީފާގެ ބައިކުޅަބައި ވެސް ދިވެހިންނަށް ނުލިބޭ

ރާއްޖޭގެ އިގްތިސާދުގެ ހިއްސާ އެންމެ ބޮޑު ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ދިިވެހިންގެ ހިއްސާ އަކީ 47 ޕަސެންޓު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.


ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްސްގައި ބޭއްވި ގާލާ ނައިޓްގައި އަލީ ވަހީދު ވިދާޅުވީ، މުޅި ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތް ދޭ ހުރިހާ ތަނެއް އިންސްޕެކްޓް ކުރިއިރު، އެ ތަންތަނުގައި 36،301 މީހުން ވަޒީފާ އަދާކުރާ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ އަލީ ވިދާޅުވި ގޮތުގައި 17،138 އެވެ. ބިދޭސީންގެ ގޮތުގައި 18،947 މީހުން ވަޒީފާ އަދާކުރާ އިރު ދިވެހި މުވައްޒަފުންގެ ނިސްބަތް 45 ޕަސެންޓަށް ވުރެ ދަށް 58 ރިސޯޓު ރާއްޖޭގައި އެބަ އޮތެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގަވައިދުގައި ކަނޑައަޅާފައިވާ ގޮތުން ނަމަ ރާއްޖޭގައި ހިންގާ ކޮންމެ ރިސޯޓެއްގައި ވަޒީފާ އަދާ ކުރާ މީހުންގެ 45 ޕަސެންޓް ދިވެހިންނަށް ވާން ޖެހެ އެވެ. މި އުސޫލަށް ފައްތައިގެން ހިންގަނީ 86 ރިސޯޓު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

"އާންމު ގޮތެއްގައި ސާވިސް ޗާޖުގެ ގޮތުގައި ދެވިފައި ވަނީ 200 ޑޮލަރާއި 500 ޑޮލަރާ ދެމެދުގެ އަދަދެއް،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 1،000 ވުރެ ގިނަ ފެސިލިޓީސްތައް ބަލައި ފާސް ކުރަން ގެންދިޔަ އިންސްޕެކްޝަންގެ ކުރިން، ޓޫރިޒަމް ދާއިރާގައި ހިމެނޭ މުވައްޒަފުންގެ މައުލޫމާތު ރެކޯޑު ކޮށްފައި ނުވާ ކަމަށެވެ. މި ލިބުނު މައުލޫމާތާ އެކު، ކުރިމަގުގައި ރަނގަޅު ބަދަލުތަކެއް ޓޫރިޒަމް ދާއިރާ އަށް ގެންނާނެ ކަމަށް އަލީ ވިދާޅުވި އެވެ. އަދި ޓޫރިޒަމްގެ މާސްޓާ ޕްލޭން އެކުލަވައިލާނީ މި އަދަދުތަކަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޓޫރިޒަމް ކުރިން ތަރައްގީ ނުވާ އަތޮޅުތަކަށް ޓޫރިޒަމް ތައާރަފު ކުރުމަށްޓަކައި 27 ރަށެއް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރެ އެވެ/

"އަޅުގަނޑުމެން ރަށެއް ނެރޭނީ ތިމާވެއްޓާ ގުޅުން ހުރި ހުރިހާ ދިރާސާއެއް ހެދުމަށް ފަހު. އަދި އެ ރަށަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވޭ ރިސޯޓެއްތޯ ވެސް ބަލާނަން. މި އެސެސްމެންޓަށް ބަލާއިރު ހއ. އުލިގަމުގެ އެސެސްމެންޓް ވަރަށް އަވަހަށް ނިމޭނެ،" އޭނާ ވިދާޅުވި އެވެ.