ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ދެ ގުނަ އަށް އުފުލިއްޖެ އެވެ.
ބާޒާރުގައި ފިޔާ ކިލޯއެއް މިހާރު އުޅެނީ، 35ރ. އާއި 45ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ފިޔާ ބަސްތާއެއް އުޅެނީ 800 ރުފިޔާއަށެވެ.
ރާއްޖެ އަށް ފިޔާ އެކްސްޕޯޓް ކުރާ އެމްޔޫ ސްޓޯރުގެ ހެޑް ކޭޝިއާ ހުސެއިން ސަމާއު ބުނީ ފިޔާގެ އަގު މިދިޔަ ހަފްތާއެއްހާ ދުވަހު 100 ޕަސެންޓަށް އުފުލިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ވިއްކަނީ ބަސްތާއެއް 800ރ. އަށް. އެކަމަކު މާކެޓުގައި 1،000ރ. އަށް ވެސް ބަސްތާ ވިއްކާ މީހުން އެބަ އުޅޭ،" އޭނާ ބުންޏެވެ.
މީގެ ކުރިން 25 ކިލޯ ހުންނަ ފިޔާ ބަސްތާއެއް ލިބެނީ ގާތްގަނޑަކަށް 200ރ. އަށެވެ.
އެމްޔޫ ސްޓޯރުން ފިޔާ ގެންނަނީ އިންޑިޔާއިންނެވެ. ސަމާއު ބުނީ ފިޔާގެ އަގު އެހާ ބޮޑަށް އުފުލުނީ، އިންޑިޔާގެ އޭޖެންޓުންގެ އަތުން އަގުބޮޑުކޮށް ފިޔާ ލިބޭތީ ކަމަށެވެ. އަދި އިންޑިޔާއިން ފިޔާ ހޯދުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އިންޑިޔާގައި ފިޔާ އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްވުމާ އެކު ފިޔާ އެކްސްޕޯޓް ކުރުން އެއްކޮށް ވަނީ ހުއްޓާލައިފަ އެވެ. އެހެން ނަމަވެސް، ރާއްޖެއާ އެ ގައުމާ ދެމެދު ހަދާފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުން، ރާއްޖެ އަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ އެތެރެ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ފިޔާ ލިބުން ދަތިވެ، އިންޑިޔާގެ ނިއުދިއްލީގައި ވެސް ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލި، 100 ކިލޯގެ ބަސްތާއެއްގެ އަގު ވަނީ 4،500 ރުފީސް އަށް ބޮޑުވެފަ އެވެ. މިއީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ފިޔާގެ އަގު އިންޑިޔާގައި އެންމެ ބޮޑަށް އުފުލުނު ފަހަރެވެ.
އިންޑިޔާއަކީ މި ސަރަހައްދުގައި އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ ގައުމެވެ. މިދިޔަ އަހަރު އެކަނި ވެސް އިންޑިޔާ އިން 2.2 މިލިއަން ޓަނުގެ ފިޔާ އެކްސްޕޯޓް ކޮށްފައިވެ އެވެ. މިއީ މުޅި އޭޝިޔާގެ ފިޔާގެ އެކްސްޕޯޓުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ފިޔާގެ އަގު އުފުލިފައިވާ އިރު ކޮރޯނާ ފިހާރައިގެ ކޭޝިއާ ހުސައިން ސައިފް ބުނީ، ފިޔާގެ އަގު ކުރިއަށް އޮތްތަނުގައި ވެސް އުފުލޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"ވަރަށް ބޮޑަށް އުފުލިފަ ވަނީ. ފިޔާ އެހާ އަގު ބޮޑުވަނީ، ރާއްޖެ އަށް ފިޔާ ގެންނަ މީހުން އަގުބޮޑުކޮށް ވިއްކާތީ،" އޭނާ ބުންޏެވެ.